ވިޔަފާރި

ޖަރުމަނުވިލާތުގައި ވިޒިޓް މޯލްޑިވްސްއިން ޑިޖިޓަލް ނޭޓިވް އެޑްވެޓައިޒިން ކެމްޕޭނެއް ފަށައިފި


ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޖަރުމަނުވިލާތުގައި އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ޑިޖިޓަލް ނޭޓިވް އެޑްވެޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ.

މިކެމްޕޭންގެ މަޤްސަދަކީ ދިވެހިރާއްޖެއަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ޒިޔާރަތްކުރުމަށް އެންމެ މަޤްބޫލު އަދި ރައްކާތެރި މަންޒިލެއްކަމުގައި ދައްކުވައިދީ ޖަރުމަންވިލާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ޑިޖިޓަލް ނޭޓިވް އެޑްސްއަކީ އެ ވެބްސައިޓެއްގެ ލޭއަޓުއާއި، ކޮންޓެންޓާއި ގުޅޭގޮތަށް ތަސްވީރާއި ޓެކްސްޓުތަކުން ދައްކުވާލަދޭ އިޝްތިހާރުތަކެވެ. މިގޮތުން 50 އަށްވުރެ ގިނަ ވެބްސައިޓްތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެންދާނެއެވެ. މީގެ ތެރޭގައި އެފް.ޓީ.އައި، ޓްރެވެލްބުކް، ހޮލިޑޭ ޗެކް އަދި ފްލޫގާ ހިމެނެއެވެ. މި އިޝްތިހާރުތައް ދިހަ މިލިއަނަށް ވުރެ ގިނަ މީހުންނަށް ފެނިގެންދާނެއެވެ. އަދި މި އިޝްތިހާރުތައް މެދުވެރިކޮށް ދިވެހިރާއްޖެއަށް ދަތުރުކުރުމުގެ ޝައުގުވެރިކަން އިތުރަށް އާލާ ކުރެވިގެން ދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކެމްޕެއިންގެ އިތުރުން ވިޒިޓް މޯލްޑިވްސް އިން ދަނީ ތަފާތު އެކި ހަރަކާތްތަކާއި ކެމްޕެއިންތައް ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އިންތިޒާމުކޮށް ރާވަމުންނެވެ. މީގެ ތެރޭގައި ބޮޑެތި އެއާލައިންތަކާއި ޓުއާރ އޮޕަރޭޓަރުންނާއިއެކު ކުރެވޭ ކެމްޕެއިންތަކާއި، ޑެސްޓިނޭޝަން ޓްރެއިނިންގް، އަދި ބޮޑެތި މީޑިއާތަކާއި ސްޓޭކް ހޯލްޑަރުންނާއިއެކު ރޭވިފައިވާ ތަފާތު ހަރަކާތްތައް ހިމެނެއެވެ.