ޚަބަރު

އިސްރާއީލުގެ ސަރުކާރު އެކުލަވާލުމުގެ މަސްޢޫލިއްޔަތު ނަތަންޔާހޫއަށް


އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް އެ ޤައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ޙަވާލުކޮށްފިއެވެ.

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ބޭއްވި ހަތަރުވަނަ އާންމު އިންތިޚާބުގެ ވޯޓުލުން މާރިޗު މަހުގެ 22ވަނަ ދުވަހުވަނީ ބާއްވައިފައެވެ. އެ އިންތިޚާބުގައި ބޮޑުވަޒީރު ނަތަންޔާހޫގެ ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީތަކަށްވެސްވަނީ ސަރުކާރު އެކުލަވާލުމަށް ބޭނުންވާ މިންވަރަށް ޤާނޫނުހަދާ މަޖިލީހުން ގޮނޑި ކާމިޔާބު ނުކުރެވިފައެވެ. އެއާއެކު އިސްރާއީލުގެ ބޮޑުވަޒީރުގެ މަޤާމުގައި ނަތަންޔާހޫއަށް ދެމިހުރެވޭނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ސަރުކާރު އެކުލަވާލުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރައްވާނެ ބޭފުޅެއް ނިންމެވުމާ ގުޅޭގޮތުން އިސްރާއީލުގެ ރައީސް ރުއެވެން ރިވްލިންވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރައްވައިފައެވެ. އެ މަޝްވަރާތަކަށްފަހު 2009ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ނަތަންޔާހޫއަށް ސަރުކާރު އެކުލަވާލުމުގެ މަސްޢޫލިއްޔަތުވަނީ ޙަވާލުކުރައްވައިފައެވެ. އެކަން އިޢުލާނުކުރައްވާ ވާހަކަދައްކަވަމުން ރިވްލިން ވިދާޅުވީ ނަތަންޔާހޫއަށްވެސް އަދި އެހެން ބޭފުޅަކަށްވެސް ސަރުކާރެއް އެކުލަވާލެއްވިދާނެކަމާމެދު ޝައްކުކުރައްވާކަމަށެވެ. ނަމަވެސް ޤާނޫނުގައި ބުނާ ގޮތުން ސަރުކާރު އެކުލަވާލުމުގެ މަސްޢޫލިއްޔަތު ކޮންމެވެސް ބޭފުޅަކާ ޙަވާލުކުރައްވަން ޖެހިވަޑައިގަންނަވާތީ ގިނަ ސިޔާސީ ޕާޓީތަކުގެ ލަފަޔާ އެއްގޮތަށް ނަތަންޔާހޫއަށް އެ ޒިންމާ ޙަވާލުކުރެއްވީކަމަށް އޭނާ ވިދާޅުވިއެވެ.

ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ފެށިގެން ކުރިޔަށްދިޔަ ނަމަވެސް އެމަނިކުފާނަކީ ބޮޑުވަޒީރުގެ މަޤާމުގައި މިވަގުތު ހުންނެވި ބޭފުޅާކަމަށްވުމުން ސަރުކާރު އެކުލަވާލުމުގެ ޒިންމާ އޭނާއާ ޙަވާލުކުރެވޭނެކަމަށް ރިވްލިން ވިދާޅުވިއެވެ. ރައީސްގެ ޒިންމާ ޢަދާކުރައްވާ ސަރުކާރު އެކުލަވާލުމުގެ މަސްޢޫލިއްޔަތު ބޭފުޅަކާ ޙަވާލުކުރި ނަމަވެސް މި ޙާލަތުގައި އެ ޒިންމާ ނަތަންޔާހޫއާ ޙަވާލުކުރުމަކީ ލަދުވެތިކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

އައު ސަރުކާރު އެކުލަވާލުމަށް ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެއެވެ. އެ މުއްދަތު އިތުރު ދެ ހަފުތާއަށް އިތުރުކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. އެ މުއްދަތުގެ ތެރޭގައި ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔުވެއްޖެނަމަ ސަރުކާރު އެކުލަވާލުމުގެ މަސްޢޫލިއްޔަތު އެހެން ބޭފުޅަކާ ޙަވާލުކުރެވޭނެއެވެ. އެހާހިސާބުންވެސް ސަރުކާރެއް އެކުލަވާނުލެވިއްޖެނަމަ އައު އިންތިޚާބެއް އަނެއްކާވެސް ބާއްވާނެއެވެ. ނަތަންޔާހޫ ވިދާޅުވީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫން ނަމަވެސް އެއީ އޭނާއަށް ޙާޞިލްކުރެއްވޭނެ ކަމެއްކަމަށެވެ.