ވިޔަފާރި

ރޯދަމަހު ބީއެމްއެލް ހުޅުވާނީ 9:30 އިން 12:00އަށް


ރޯދަމަހު ބެންކު އޮފް މޯލްޑިވްސްއިން ޚިދުމަތްދޭނެ ގަޑިތައް އާއްމުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެހެން މަސްތަކާއި ހިލާފަށް ރޯދަމަހު ބީއެމްއެލްއިން ހިދުމަތްދޭ ވަގުތުތައް މަދުވާނެކަމަށެވެ. އެގޮތުން ބީއެމްއެލްއިން ހިދުމަތްދޭނީ އާދިއްތަދުވަހުން ފެށިގެން ބުރާސްފަތިދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00އަށްކަމަށެވެ.

ބީއެމްއެލްގެ ބްރާންޗުތަކުން ވަކި ވަގުތުތަކެއްގައި ޚިދުމަތް ލިބުނަސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށްވެސް ބެންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މާލޭ ސިޓީގައި ބޭންކިންގ ހިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަންގަވަންޖެހޭނެކަމަށާއި އަދި ހިދުމަތް ހޯއްދެވުމަށް ބޭންކަށް ވަޑައިގެންނެވުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބެވި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށްވެސް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ. މީގެއިތުރުން އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށްކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި ދަނޑިވަޅުގައި ގޭގައި ތިއްބަވައިގެން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯއްދެވުމަށް ބާރު އަޅާކަމަށެވެ.