ކުޅިވަރު

ލިވަޕޫލްއާ ވާދަކޮށް ފުރަތަމަ ލެގް ރެއާލް ކާމިޔާބުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ ކުރިމަތިލުން ރެއާލް ކާމިޔާބުކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލިވަޕޫލުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. މިމެޗްގައި ލިވަޕޫލަށް ރެއާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ވިނީޝިއަސް ޖޫނިއަރއެވެ. އަދި މެޗްގެ 36 ވަނަ މިނެޓްގައި ލިވަޕޫލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ރެއާލްގެ މާކޯ އަސެންސިއޯވަނީ ލަނޑެއް ޖަހާ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހާދިނީ މުހަންމަދު ސަލާއެވެ. މިމެޗްގައި ރެއާލްގެ ފަހު ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ވިނީޝިއަސް ޖޫނިއަރއެވެ.

މިނަތީޖާގައި އޮވެ ފުރަތަމަ ލެގް ނިމިފައިވުމުން ދެވަނަ ލެގަށް ނިކުންނައިރު ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑީ ރެއާލްއަށް ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. ނަމަވެސް ލިވަޕޫލުން ޤަބޫލް ކުރާގޮތުގައި އެޓީމަށް ރަށުން ބޭރުގައި ކާމިޔާބު ކުރެވުނު ލަނޑާއެކު ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ލިވަޕޫލަށްވެސް އެބައޮތެވެ. މިމެޗްގައި ރެއާލްގެ އެންމެ ފަހަތަށް ކުޅޭ އެންމެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ރަފައެލް ވެރާން އަނިޔާ އާއި ކޮރޯނާ ވައިރަހުގެ ސަބަބުން މިމެޗްގައި ނުކުޅެވުނު ނަމަވެސް އެކަމުގެ ފައިދާ ލިވަޕޫލްގެ ފޯވަޑް ލައިނަށް އެންމެ އެދެވޭގޮތުގައި ނެގޭގޮތެއް ނުވިއެވެ.