ކުޅިވަރު

ޑޯސަންގެ ލޯން އެއްބަސްވުން ދާއިމީ ކުރަން ނިންމުން


އިންގްލިޝް ޕްރިމިއަރ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުންދާ ކްރެއިގް ޑޯސަންގެ ލޯން އެއްބަސްވުން ދާއިމީ ކުރަން ބޭނުންކަން އެކްލަބުން ހާމަކޮށްފިއެވެ. ޑޯސަން އަންނަނީ މިސީޒަންގައި ވޮޓްފަޑްއިން ވެސްޓް ހޭމްއަށް ގުޅުމަށްފަހު އެޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ވެސްޓް ހޭމްއިން ވޮޓްފަޑްއާއެކު ހަދާފައިވާ ލޯން އެއްބަސްވުމުގެ ދަށުން މިސީޒަންގައި ޕްރިމިއަރ ލީގުގެ 15 މެޗްގައި ޑޯސަން ކުޅެފިނަމަ އޭނާގެ ލޯން އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު ވެސްޓް ހޭމްއަށް އޮންނާނެއެވެ. އެހެންކަމުން އެކްލަބުން މިހާރުވަނީ އެއްބަސްވުމުގައިވާ އެމާއްދާގެ ބޭނުން ހިފަން ނިންމާފައެވެ. ވެސްޓް ހޭމްއަށް ޑޯސަން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ކުޅެން ފެށިފަހުން އެޓީމް މިހާތަނަށް ބަލިވެފައިވަނީ ތިން މެޗުންނެވެ. އަދި މިހާރު ވެސްޓް ހޭމްއަށްވަނީ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ލިބިފައެވެ. ވެސްޓް ހޭމްއާއެކު ޑޯސަން ހަދާ އާ އެއްބަސްވުން 2023ގެ ނިޔަލަށް ދެމިގެންދާނެކަމަށް ކްލަބުން މަޢުލޫމާތުދެއެވެ.

ވެސްޓް ހޭމްއިން ބުނީ ޑޯސަން އެޓީމާއި ގުޅުނީ ޕްރިމިއަރ ލީގުގެ ގިނަ ދުވަސްތަކެއްގެ ތަޖްރިބާއާއެކު ކަމަށާއި އަދި ޓީމާއި ގުޅުނުފަހުން އޭނާވަނީ ރަނގަޅު ކުޅުމެއް ދައްކާ ފުރަތަމަ އެގާރައިން ޖާގަހޯދާފަކަމަށެވެ. އަދި ވެސްޓް ހޭމްއިން ބަދަލުވެސް މަސައްކަތް ކުރަމުންދަނީ ޓީމް ވީހާވެސް ވަރުގަދަ ކުރުމަށް ކަމަށާއި އެހެން ކަމުން ޑޯސަން ދާއިމީކޮށް އެޓީމާއި ގުޅުމުން ޓީމް އިތުރަށް ވެގެންދާނެކަމަށް އެކްލަބުން ހާމަކުރެއެވެ.