ޚަބަރު

ސަޢުދީން ހަދިޔާކުރި ކަދުރު ލިބޭނެ ފަރާތްތައް ކަނޑައަޅައިފި


ސަޢުދި ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި ކަދުރު ލިބޭނެ މީހުން އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.

ސަޢުދި ޢަރަބިއްޔާއިން މިއަހަރު ވަނީ ރާއްޖެއަށް 25 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. މިއީ ކުރީ އަހަރުތަކާއި އަޅާބަލާއިރު މަދު ޢަދަދެކެވެ. މީގެކުރިން ސަޢުދީން ރާއްޖެއަށް ހަދިޔާކުރަނީ 50 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރު ސައުދީން ހަދިޔާކުރި 25 ޓަނުގެ ކަދުރު ބަހާނީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ 10944 މީހުންގެ ތެރެއިން ކޮންމެ މީހަކަަށް ޕެކެޓެއްކަމަށެވެ. އަދި ކުޑަކުދިން ހިޔާއާއި ފިޔަވަތީގައި ތިބި ކުދިންނާއި، ގުރަައިދޫ މަރުކަޒުގައި ތިބި މީހުންނާއި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބި މީހުނަށްވެސް ކަދުރު ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ފަގީރުންނަށް، އިސްލާމިކް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށާއި ސިޓީތަކުގައި އެރަށެއް އަދި އެސިޓީ ކައުންސިލުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ސަޢުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ސަޢުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. ސަޢޫދީން ހަދިޔާކުރާ ކަދުރު މިދިޔަ އަހަރުވެސް ބަހާފައިވަނީ ޤީރުންނަށް އިސްކަން ދީގެންނެވެ.