ޚަބަރު

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރުކުރައްވައިފިއެވެ.

އެ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރައްވާފައިވަނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރައްވާފައިވަނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހަކީ ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖެއްސެވުމާއި ގުޅިގެންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެޕްރީލް 14 އަދި 15 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

އެޗްއާރުސީއެމްގައި ތިއްބަވަނީ 5 މެންބަރުންނެވެ. މިވަގުތު އެކޮމިޝަންގައި ތިއްބެވީ 4 މެންބަރުންނެވެ. މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މުއުމިނާ ވަޙީދާއި، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲގެ އިތުރުން މަރިޔަމް މުނާއެވެ.