ޚަބަރު

ސްރީ ލަންކާއަށް ޕާމް އޮއިލް އެތެރެކުރުން މަނާކޮށް، ދަނޑުތައް ނަގަން އަންގައިފި

ސްރީ ލަންކާއަށް ޕާމް އޮއިލް އެތެރެކުރުން މަނާކޮށް އެ ޤައުމުގައި އޭގެ އައު ރުއްދަނޑުތައް ނުހެއްދުމަށް އަންގައިފިއެވެ.

ފާއިތުވި އަހަރުތަކުގައި ސްރީ ލަންކާއަށް ޕާމް އޮއިލް އެތެރެކުރާ ޢަދަދާއި އެ ޤައުމުގައި ރުއްދަނޑުތައް ހައްދާ މިންވަރުވަނީ އިތުރުވެފައެވެ. ސްރީ ލަންކާގެ ސަރުކާރުން ނިންމާފައިވާ ކުއްލި ނިންމުމުގެ ސަބަބުން ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ތެޔޮ އުފެއްދުމުގެ ސިނާޢަތަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.

ޕާމް އޮއިލް އުފައްދާ ވިޔަފާރިތަކުން ހައްދާފައިވާ ރުއްދަނޑުތައް މަރުޙަލާތަކަކަށް ބަހާލައިގެން ނައްތާލުމަށްވެސް ސަރުކާރުންވަނީ އަންގައިފައެވެ. އެގޮތުން ރުއްދަނޑުތަކުން ކޮންމެ ފަހަރަކު 10 އިންސައްތަ ނައްތާލައި އޭގެ ބަދަލުގައި ރަބަރު ނުވަތަ ތިމާވެއްޓާ ރައްޓެހި އެހެން ބާވަތެއްގެ ގަސް އިންދުމަށް ސަރުކާރުންވަނީ އަންގައިފައެވެ. ޕާމް އޮއިލް އުފެއްދުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ކުރާކަމަށާއި ރުއްގަސް ކެނޑުން އިތުރުވެ ޤުދުރަތީ ނިޒާމުތަކަށް ގެއްލުން ލިބެމުންދާކަމަށް ތިމާވެއްޓާބެހޭ މާހިރުން ފާހަކުރެއެވެ.

ސްރީ ލަންކާއަށް އަހަރަކު ގާތްގަނޑަކަށް 200،000 ޓަނުގެ ޕާމް އޮއިލް އެތެރެކުރެއެވެ. އެ ޤައުމަށް އެންމެ ގިނަ ޢަދަދަކަށް ޕާމް އޮއިލް އެތެރެކުރަނީ އިންޑޮނޭޝިޔާއާއި މެލޭޝިޔާއިންނެވެ. އޭގެ އިތުރުން ސްރީ ލަންކާގައި 11،000 ހެކްޓަރުގެ ރުއްދަނޑުތައް ހުރެއެވެ. އެއީ އެ ޤައުމުގައި ހުންނަ އެކި ވައްތަރުގެ އެހެން ދަނޑުތަކުގެ ގާތްހަނޑަކަށް އެކެއް އިންސައްތައެވެ. ޕާމް އޮއިލް އުފެއްދުމަށް އެ ޤައުމުގެ ވިޔަފާރިތަކުންވަނީ ގާތްގަނޑަކަށް 131 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.