ޚަބަރު

2036ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ދެމިހުރެވޭ ޤާނޫނު ޕުޓިން ތަޞްދީޤުކުރައްވައިފި


ރިޔާސީ އިތުރު ދެ ދަޢުރަށް ރަޝިޔާގެ ރައީސް ވުލަޑްމީރު ޕުޓިންނަށް ކުރިމަތިލެއްވޭ ގޮތަށް އެ ޤައުމުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙު އެނާ ތަޞްދީޤުކުރައްވައިފިއެވެ.

ޢުމުރުފުޅުން 68 އަހަރުގެ ޕުޓިން މިހާރުވެސް ދަނީ ޖެހިޖެހިގެން ރިޔާސީ ދެވަނަ ދަޢުރެއް ފުރިހަމަ ކުރައްވަމުންނެވެ. އޭގެ ކުރިންވެސް އެމަނިކުފާނުވަނީ ރިޔާސީ ދެ ދަޢުރު ފުރިހަމަ ކުރައްވައިފައެވެ. ރަޝިޔާގެ ޤާނޫނަށް މިދިޔަ އަހަރުގެ ތެރޭގައި ގެނައި އިޞްލާޙުގެ ދަށުން ޕުޓިންގެ މިހާރު ފުރުއްވަމުންދާ ދަޢުރު 2024ވަނަ އަހަރުގެ ތެރޭގައި ހަމަވުމުން ހަ އަހަރުގެ އިތުރު ދެ ދައުރަކަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެއެވެ. އެއާއެކު 2036ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ދެމި ހުންނެވުމުގެ ފުރުޞަތު ޕުޓިންއަށް ލިބިވަޑައިގަންނަވާނެއެވެ.

މީގެ ކުރިން އޮންނަ ގޮތުން ދެ ދަޢުރު ފުރިހަމަ ކުރެއްވުމަށްފަހު ޕުޓިންނަށް އިތުރު ދަޢުރަކަށް ކުރިމަތިލެއްވޭނީ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން އޭނާވަނީ 2000ވަނަ އަހަރުން 2008ވަނަ އަހަރަށް ރަޝިޔާގެ ރައީސްކަން ކުރައްވައިފައެވެ. އަދި 2008ވަނަ އަހަރުން 2012ވަނަ އަހަރަށް ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު އޭނާ ވަނީ 2012ވަނަ އަހަރު އަލުން ރަޝިޔާގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ.

ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުތަކަކީ ދުސްތޫރީ ބަޣާވާތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އެ އިޞްލާޙުތަކުގެ ދަށުން ރަޝިޔާގެ ރިޔާސަތާ އަލަށް ޙަވާލުވާ ފަރާތްތަކަށް ރައީސްގެ ގޮތުގައި ހުރެވޭނީ ގިނަވެގެން ދެ ދަޢުރަށެވެ. އަދި ދަޢުރު ގުނުމުގައި ކުރިން ވެރިކަން ކޮށްފައިވާ ފަރާތްތަކުގެ ކުރީގެ ދަޢުރުތަށް ނުގުނާގޮތަށްވަނީ ކަނޑައަޅައިފައެވެ.