ޚަބަރު

ބެންކޮކުގެ މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ ގިނަ މަރުކަޒުތަކެއް ބަންދުކޮށްފި


ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ހުންނަ މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ 200އެއްހާ މަރުކަޒު ދެ ހަފުތާގެ މުއްދަތަށް ބަންދުކޮށްފިއެވެ. އެ މަރުކަޒުތައް ބަންދުކޮށްފައިވަނީ ބެންކޮކުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުންނެވެ.

އެޕްރިލް މަހުގެ 6ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހާ ހަމައަށް ބެންކޮކުގެ ތިން ސަރަޙައްދެއްގައި ހުންނަ މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ 196 މަރުކަޒު ބަންދުކުރާނެއެވެ. ބެންކޮކުގެ ގަވަރުނަރު އެސްވިން ވެންމުންގ ވިދާޅުވީ އޭގެ ތެރެއިން ބައެއް ތަންތަނުން 100އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާކަމަށެވެ.

ތައިލެންޑުގައި މިހާތަނަށް 29،321 މީހުންނަށް ކޯވިޑް-19 ޖެހި 95 މީހުންވަނީ މަރުވެފައެވެ. އެ ޤައުމު ފާހަގަވެފައިވަނީ ކޯވިޑް-19 ފެތުރޭ މިންވަރު މައްޗަށް އެރިޔަނުދީ ހިފަހައްޓާލުމުގައި ކާމިޔާބު ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 194 މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ މަރުކަޒުތަކާ ގުޅުންހުރި 45 މީހުން ހިމެނެއެވެ.