މެރިޓައިމް މުއާހަދާއަކަށް ތާއީދުކޮށް ބަޔާނެއްގައި ސޮއިކުރި ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ކުރީގެ އިސްވެރިންތަކެއް ޙައްޔަރުކޮށްފިއެވެ.
1936ވަނަ އަހަރު ސޮއިކުރި މޮންޓުރޮ މުއާހަދާގެ ދަށުން ތުރުކީވިލާތުގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ބޮސްފޮރަސާއި ދާދަނެލް ސްޓްރެއިޓުގެ މައްޗަށް ތުރުކީވިލާތަށް ބާރު ފޯރުވެއެވެ. އަދި އާންމު އުޅަނދުފަހަރަށް އެ ސަރަޙައްދު ބޭނުންކުރުމުގެ ޙުއްދަ ލިބެއެވެ. އޭގެ އިތުރުން ހަނގުރާމަމަތީ އުޅަނދުފަހަރު އެ ސަރަޙައްދުގައި ޙަރަކާތްތެރިވުން މަދުކޮށް ބޭރުގެ އާގުބޯޓުތަކުން އެ ސަރަޙައްދު ބޭނުންކުރުމުގެ ޙުއްދަވެސް ދެވެއެވެ. އެފަދަ މުއާހަދާތަކުން ވަކިވުމުގެ ބާރު ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންއަށް ލިބިގެންވެއެވެ.
މީގެ 85 އަހަރު ކުރިން ޤާއިމުކޮށްފައިވާ މޮންޓުރޮ މުއާހަދާއަށް ތާއީދުކޮށް ކަނޑުގެ ސިފައިންގެ ގޮތުގައި ކުރިން ޚިދުމަތްކޮށްފައިވާ 100އަށްވުރެ ގިނަ މީހުންވަނީ ބަޔާނެއްގައި ސޮއިކޮށްފައެވެ. އެ މުއާހަދާއާ ގުޅޭގޮތުން ބަހުޘްކޮށް ތުރުކީވިލާތުގެ ސަރުކާރުން އެ މުއާހަދާއިން ވަކިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެ އެ މުއާހަދާއަކީ ތުރުކީވިލާތުގެ ސަލާމަތަށް މުހިންމު މުއާހަދާއެއްކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.
އެ މުއާހަދާގެ ދިފާޢުގައި ބަޔާނެއް ނެރުމަކީ ޚިޔާލު ފައުޅުކުރުމުގެ އިންތަކުން ބޭރު ޢަމަލެއްކަމަށާއި ސަރުކާރާ ދެކޮޅަށް ރޭވުމުގެ ޢަމަލެއްކަމަށް ރައީސް އުރުދުޣާންވަނީ ސިފަކުރައްވައިފައެވެ. އުރުދުޣާން ވިދާޅުވީ ތުރުކީވިލާތުގެ އަސްކަރިއްޔާއިން މީގެ ކުރިން ގިނަ ބަޣާވާތްތަކެއް ކޮށްފައިވާކަމަށާއި އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ ކުރީގެ އިސްވެރިންގެ އެ ޢަމަލަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށެވެ.
1960ވަނަ އަހަރާއި 1980ވަނަ އަހަރާ ދެމެދު ތުރުކީވިލާތުގެ އަސްކަރިއްޔާއިންވަނީ ތިން ފަހަރެއްގެ މަތިން ބަޣާވާތްކޮށްފައެވެ. އޭގެ ފަހުން 1997ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ބަޔާނަކާއެކު އޭރު ވެރިކަންކުރަމުން ދިޔަ ސަރުކާރުވަނީ ދުރުކޮށްފައެވެ. އަދި 2016ވަނަ އަހަރުގެ ތެރޭގައިވެސް ބަޣާވާތްކޮށް ސަރުކާރު ވައްޓައިލުމަށް އެ ޤައުމުގެ އަސްކަރިއްޔާއިންވަނީ މަސައްކަތްކޮށްފައެވެ.
އުރުދުޣާން ވިދާޅުވީ ބަޣާވާތްކުރުމުގެ ދިގު ތާރީޚެއް އޮތް ޤައުމެއްގެ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ 104 މީހުން ބަޣާވާތަކަށް މަގުފަހިވާފަދަ ކަމަކަށް ބާރުއެޅުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އުރުދުޣާން ވިދާޅުވީ އެ މުއާހަދާއާ އެއްގޮތަށް ތުރުކީވިލާތުން ޢަމަލުކުރުމަށް ގަސްދުކުރި ނަމަވެސް ކުރިމަގުގައި އެ މުއާހަދާއާ ގުޅޭ ކަންކަން އަލުން މުރާޖަޢާކުރުން އެކަށީގެންވާކަމަށެވެ.