ކުޅިވަރު

2021 ވަނަ އަހަރު އޭއެފްސީ ކަޕްގެ މެޑިކަލް ޕާޓުނަރަކަށް އޭޑީކޭ


ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2021 ވަނަ އަހަރު އޭއެފްސީ ކަޕްގެ މެޑިކަލް ޕާޓުނަރަކަށް އޭޑީކޭ ހަމަޖައްސައިފިއެވެ. މިއެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަ މުޙައްމަދު އަފާލެވެ. އަދި އެފްއޭއެމް ގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ ހުސެން ޖަވާޒެވެ.

މި އެމްއޯޔޫގައި ވާގޮތުން މި އަހަރު އޭއެފްސީ ކަޕްގެ އެންމެހައި ސިއްޙީ ކަންތައް ބަލަހައްޓާ، ދަނޑު މަތީގައި ހިގާފާނެ ހާދިސާތަކަށް ފަރުވާދިނުމާއި، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް 19 ގެ ހާލަތާއި ގުޅިގެން ހަދަން ޖެހޭ އެންމެހާ ޓެސްޓުއް ހެދުމާއި، މިފަދަ އެންމެހާ ކަންތައް ހަމަޖައްސާނީ އޭޑިކޭއިނެވެ. ހަމައެއާއެކު، ދިވެހި ލީގުގައި ވެސް ސިއްހީގޮތުން ޓީމުތަކަށް ބޭނުންވާ އެހީތެރިކަން އޭޑީކޭއިން ފޯރުކޮށްދޭނެކަމަށް ވެސް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުންޏެވެ.

މާދަމާ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ކްލަބް އީގަލްސާއި ވާދަކުރާ ބޫޓާންގެ ޗެންޕިއަން، ތިމްޕޫ ސިޓީ ރާއްޖެ އައުމާއެކު، އެޓީމުން ކުރަން ޖެހޭ ފީސީއާރު ޓެސްޓުތައް ވެސް ހަދާފައިވަނީ އޭޑީކޭގެ ޓީމެއް އުނިމާ ގްރޭންޑަށްގޮސްގެންނެވެ. ތިންޕޫ ސިޓީގެ ނަތީޖާތައް މިހާރު ލިބިފައިވާއިރު، ހުރިހާ ނަތީޖާއެއްވެސް ނެގެޓިވްކަމަށް މަޢުލުމާތު ލިބިފައިވެއެވެ.

އެފްއޭއެމް ބުނީ މި ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ ހަގަޑި އިރަށް ފަހުއެވެ. ނަތީޖާ ލިބުމާއި ހަމައަށް ކުޅުންތެރިން ކަރަންޓީނުގައި ތިބޭނެ ކަމަށާއި، ނަތީޖާ ލިބުމުން ނޫނީ ޕްރެކްޓިސްއަށް ވެސް ކުޅުންތެރިން ނުދާނެ ކަމާއި، މެޗުގެ ކުރިން ބާއްވާ ހަމައެކަނި ޕްރެކްޓިސް ވެސް ބާއްވާނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް އެފްއޭއެމް ހާމަކުރެއެވެ.