ވިޔަފާރި

ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް 21 އަހަރަށް 2 ރަށެއް ދޫކޮށްފި


ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މިފަހުން ހުޅުވާލި 5 ރަށުގެ ތެރެއިން 2 ރަށެއްގެ ބީލަން ކާމިޔާބު ކުރި ފަރާތާއި ރަށްތައް ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެތެރޭގައި ހުޅުވާލި ރަށްތަކަށް ޝައުގުވެރިވެ ގިނަ އަދަދެއްގެ ފަރާތްތަކުން ބިޑް ހުށަހެޅި ނަމަވެސް މީގެތެރެއިން 2 ރަށެއް ފިޔަވައި ދެން ހުރި ރަށްތަކަށް ބިޑިންގ ޑޮކިއުމަންޓް އިވެލުއޭޝަން ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ މިންވަރަށް މާކްސް ލިބިފައިނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެތެރޭ އެގްރިކަލްޗަރ މިނިސްޓްރީންވަނީ ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކަށް 6 ރަށެއް ދިނުމަށް ނިންމާފައެވެ.

ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކަށް ދިނުމަށް ނިންމި ރަށްތައް


* ހއ. މަޑުލު - 16.1 ހެކްޓަރ
* ށ. ކަކާއެރިޔަދޫ - 14.6 ހެކްޓަރ
* ށ. ނެޔޮ - 20.6 ހެކްޓަރ
* ނ. ތޮޅެންދޫ - 16.8 ހެކްޓަރ
* ބ. މާއްޑޫ - 26.6 ހެކްޓަރ
* ގދ. އޮއިނިގިއްލާ - 13.5 ހެކްޓަރ

މީގެ ތެރޭގައި ހިމެނޭ ބ.މާއްޑޫވަނީ ފަހުން މި ލިސްޓުން ނަގާފައެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ ބިޑަށް ހުޅުވާލި 5 ރަށުގެތެރެއިން ބިޑް އިވެލުއޭޝަންގެ ނަތީޖާއަށް ރިޢާޔަތްކޮށް، ބިޑިންގ ޑޮކިއުމަންޓްގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން، މާކްސް ލިބިފައިވަނީ 2 ރަށަށަށް ކަމަށެވެ. އެއީ ހއ. މަޑުލު އާއި ށ.ކަކާއެރިޔަދޫއެވެ. މި ދެ ރަށް ކުއްޔަށް ދޫކޮށްފައިވަނީ 21 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ބާކީ އޮތް 3 ރަށަށް ބިޑިންގ ޑޮކިއުމަންޓްގެ އިވެލުއޭޝަން ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ މިންވަރަށް އެއްވެސް ފަރާތަކަށް މާކްސް ލިބިފައިނުވާތީ އެރަށްތައް އެވޯޑް ކުރެވިފައިނުވާ ކަމަށްވެސް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ދަނޑުވެރިކަމަށް ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ މަޤްޞަދަކީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމެވެ.
އަދި މިކަމުގެ ސަބަބުން ޕޯލްޓްރީ ނުވަތަ ކޯލިއާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެންދާނޭކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ، ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރިކަމަށެވެ. އަދި މި ރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ.