މާލޭގެ ޕާކްތަކާއި މައިޒާންތައް ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ހުޅުވާފައި ހުންނާނެ ގަޑިތައް ކަނޑައަޅައިފއެވެ. ޕާކުތަކާއި މައިޒާންތައް ހުޅުވާފައި ހުންނާނެ ގަޑިތައް ކަނޑައަޅައި ޢާއްމުކޮށްފައިވަނީ ކުރިއަށް އޮތް ރޯދަމަހާއި އަދި ޝައްވާލުމަހުގެ ފުރަތަމަ ހަތްދުވަސް ހިމަނައިގެންނެވެ.
މާލެ ސިޓީ ކައުންސިލުން އާއްމުކޮށްފައިވަނީ އެކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ޕާކްތަކާއި މައިޒާންތައް ހުޅުވިފައި ހުންނާނެގަޑިތަކެވެ. މީގެތެރެއިން ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން ފެށިގެން ހަވީރު 17:45އަށް އަދި ރޭގަނޑު 21:00އިން ފެށިގެން 23:00އާއި ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ދެންހުރި ހުރިހާ ޕާކުތަކާއި މައިޒާންތައް ކުރިއެކޭވެސް އެއްގޮތަށް ޢާއްމުކޮށް ހުޅުވާފައި ހުންނާނެކަމަށް އެކައުންސިލުން ވިދާޅުވެއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ޕާކުތަކާއި މައިޒާންތައް ހުޅުވާލުމަށް ނިންމީ ކޯވިޑް-19އާއި ގުޅިގެން އުފެދިފައިވާ ހިތްނުތަނަވަސްކަމާއި ކަންބޮޑުވުން ކުޑަކޮށް މާލޭގައި ދިރިއުޅޭ ޢާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ ގޮތުންކަމަށެވެ. މިގޮތަށް ނިންމާފައިވީނަމަވެސް ރައްކާތެރިކަމަށް ސަމާލުކަންދެއްވުމަށް ސިޓީކައުންސިލުން އިލްތިމާސްކުރައްވައެވެ. މާލޭގެ ޕާކުތަކާއި މައިޒާންތަކަކީ ޢާއްމުންގެ ބޮޑު ތަރުހީބެއް އޮންނަ ކުޑަކުދިންނާ އެކުވެރިންނާއެކު ގިނަބަޔަކު ވަގުތުތައް ހޭދަކޮށްލުމަށް ގޮސްއުޅޭ ތަންތަނެވެ. ކޯވިޑްއާއި ގުޅިގެން މިފަދަ ހުރިހާތަނެއް ބަންދުކުރުމުން މިތަންތަން ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިއްބެވެ.
ކޯވިޑް-19އާއި ގުޅިގެން މާލޭގެ ޕާކުތަކާއި މައިޒާންތައް ބަންދުކުރުމަށްފަހު އަލުން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ފުރަތަމަ ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭގެފަހުން މާލޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ރައްކާތެރިކަމަށް އެޅިފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ޕާކުތަކާއި މައިޒާންތައް ބަންދުކުރުމަށްފަހު އަލުން ދިން ލުއިތަކާއެކު ޕާކުތަކާއި މައިޒާންތައް އަލުން ހުޅުވާލުމަށް ނިންމީ މިދިޔަ މާޗްމަހުގެ 25 ވަނަ ދުވަހުއެވެ.
ކޯވިޑް-19 އިގެ ޙާލަތު އަދިވެސް ނުރައްކާ ކޮށް އޮތުމުން ޢާއްމު ތަންތަނަށް ގިނަބަޔަކު އެއްވުމަކީ ސިއްޙީ ދާއިރާއިން ހިތްވަރުދޭކަމެއް ނޫނެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޭރަށް ނުކުމެލާ ހެދުމަކީ ނަފްސާނީގޮތުން މީހާ ދުޅަހެޔޮކޮށް ހުރުމަށް މުހިއްމު ކަމެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެހެންކަމުން މިހާރު އޮތް ޙާލަތުގައި އެންމެ އިސްކަމެއް ދޭންވީ ބޭރުގައި އުޅޭ އުޅުމުގައި މާސްކު ރަނގަޅަށް ބޭނުންކުރުމަށާއި ގައިދުރުކަން އިސްކޮށް ޢާއްމު ސާފުތާހިރުކަމަށް ސަމާލުކަންދިނުމަށެވެ.