ޚަބަރު

ނަތަންޔާހޫގެ ޚިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ފަށައިފި


އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ފަށައިފިއެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާ ދެކޮޅަށް ދަޢުވާކޮށް ޝަރީޢަތަށް ހާޒިރުކުރެވުނު ފުރަތަމަ ފަހަރެވެ.

ޤުދުސްގެ ކޯޓެއްގައި ބޭއްވި އަޑުއެހުމުގައި ދަޢުލަތުގެ ފަރާތުން ތުހުމަތުކޮށްފައިވަނީ އިސްރާއީލުގެ މުވާސަލާތީ ދާއިރާގައި ފުންނާބު އުސް ދެމަފިރިއެއްގެ ނުފޫޒު އޮންނަ ނޫހެއްގައި ނަތަންޔާހޫއަށް ތާއީދު އިތުރުވާފަދަ ލިޔުންތައް ޝާއިރުކުރުމާއި އިދިކޮޅު ފަރާތްތަކުގެ ނަން ކިލަންބުވާފަދަ ލިޔުންތައް ޝާޢިރުކުރުމުގެ ބަދަލެއްގެ ގޮތުގައި ބޮޑެތި މަންފާތައް ލިބޭނެ މަޝްރޫއުތައް އެ ދެމަފިރިންނަށް ލިބޭގޮތަށް ޤަވާއިދުތައް ހަދައިފައިވާކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ފައިސާ ބަދަލުކޮށްފައިވާކަމަށްވެސް ދަޢުލަތުން ތުހުމަތުކުރެއެވެ. ނަތަންޔާހޫއާ ދެކޮޅަށް ކުރާ ރިޝްވަތާއި އޮޅުވާލުމާއި މަކަރުހެދުމާއި ޚިޔާނާތުގެ ދަޢުވާތަކަށް އޭނާވަނީ އިންކާރުކުރައްވައިފައެވެ. އަދި އެއީ އޭނާއާމެދު ހިތްހަމަނުޖެހޭ ބަޔަކު ސިޔާސީ މަޤުޞަދެއްގައި ކުރާ ދަޢުވާތަކެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

މިދިޔަ މަހުގެ ތެރޭގައި ބޭއްވި އިސްރާއީލުގެ އާންމު އިންތިޚާބުގައި ސަރުކާރެއް ޤާއިމުކުރާ މިންވަރަށް ނަތަންޔާހޫގެ ޕާޓީއަށް ޤާނޫނުހަދާ މަޖިލިހުން ގޮނޑި ކާމިޔާބު ނުކުރެވުމުން އިސްރާއީލުގެ ބޮޑުވަޒީރުގެ މަޤާމުގައި އޭނާއަށް ދެމިހުރެވިދާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ. އިސްރާއީލުގެ ރައީސް ރުއުވެން ރިވްލިންވަނީ ސަރުކާރެއް އެކުލަވާލުމާ ގުޅޭ މަޝްވަރާތައް ސިޔާސީ ޕާޓީއަކާއެކު ފައްޓަވައިފައެވެ. ސަރުކާރު އެކުލަވާލުމަށް ޙަވާލުކުރާނެ ފަރާތެއް ނިންމެވުމުގައި ނަތަންޔާހޫގެ ޝަރީޢަތުގެ އަސަރުކޮށްފާނެކަމުގެ އިޝާރާތެއް ރިވްލިންވަނީ ދެއްވައިފައެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އިސްރާއީލުގައި ހަތަރު އިންތިޚާބެއް ބާއްވާފައިވާކަން ފާހަގަކުރައްވަމުން ރިވްލިންވަނީ ފަސްވަނަ އިންތިޚާބެއް ބާއްވަން ޖެހިދާނެކަމުގެ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.