ޚަބަރު

ޚިޔާނާތާ ގުޅިގެން ނަޖީބަށް ކުރި ޙުކުމުގެ އިސްތިޢުނާފު ފަށައިފި


މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާ ދެކޮޅަށް ސާބިތުވެފައިވާ ޚިޔާނާތުގެ މައްސަލައިގެ އިސްތިޢުނާފުގެ އަޑުއެހުންތައް ފަށައިފިއެވެ.

މެލޭޝިޔާގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ ވަންއެމްޑީބީގެ މައްސަލައާ ގުޅިގެން 2009ވަނަ އަހަރުން 2018ވަނަ އަހަރަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ނަޖީބުގެ މައްޗަށް އުފުލި 7 ދަޢުވާ ސާބިތުވާކަމަށް ޙުކުމްކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. އުމުރުން 67 އަހަރުގެ ނަޖީބުގެ މައްޗަށް ސާބިތުވި ދަޢުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިންނާއި މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވުން ހިމެނެއެވެ. އެއީ މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް އެފަދަ ބޮޑެތި މައްސަލަތަކެއް ސާބިތުވި ފުރަތަމަ ފަހަރެވެ. އެއާއެކު 12 އަހަރުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ޙުކުމްކޮށް 50 މިލިއަން އެމެރިކާ ޑޮލަރުން އޭނާވަނީ ޖޫރިމަނާކޮށްފައެވެ. ނަމަވެސް އެ މައްސަލަ ނަޖީބު އިސްތިޢުނާފު ކުރުމުން އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

ވަންއެމްޑީބީގެ މައްސަލައިގައި ޚިޔާނާތްތެތިވެފައިވާ ދައުލަތުގެ 4.5 ބިލިއަން ޑޮލަރުގެ ތެރެއިން އެއް ބިލިއަން ޑޮލަރު ލިބިވަޑައިގަތީ ނަޖީބަށްކަމަށް ތުހުމަތުކުރެއެވެ. ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް 40އަށްވުރެ ގިނަ ދައުވާކުރެއެވެ.

އިސްތިޢުނާފުގެ ފުރަތަމަ އަޑުއެހުން ނިންމާލުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނަޖީބުގެ ވަކީލުން ބުނީ ކަންކަން ހިނގަނީ ވަރަށް ބޭއިންސާފުންކަމަށާއި ނަޖީބަށް ޙުކުމްކުރި ފަނޑިޔާރަކީ ޖިނާޢީ މައްސަލަތައް ބެލުމުގެ ތަޖުރިބާ ލިބިފައިނުވާ ބޭފުޅެއްކަމަށެވެ. ވަންއެމްޑީބީގެ ކުރީގެ ޔުނިޓެއްކަމަށްވާ އެސްއާރުސީ އިންޓަނޭޝަލުން ނަޖީބުގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަން އެމެރިކާ ޑޮލަރަކީ ސަޢުދީ ޢަރަބިއްޔާގެ ޝާޚީ ޢާއިލާއިން ދިން ހަދިޔާއެއްކަމަށް މެލޭޝިޔާގެ ވިޔަފާރިވެރިއެއްކަމަށްވާ ޖޯ ލޯއާއި ވަންއެމްޑީބީގެ ބައެއް މުވައްޒަފުން ބުނެފައިވާ ހެކިތައް ފަނޑިޔާރު ބައްލަވާފައިނުވާކަމަށް ވަކީލުން ފާހަގަކުރެއެވެ. އެ ފައިސާ ނަޖީބުގެ އެކައުންޓަށް ޖަމާވެފައިވާކަން އަދި އެ ފައިސާއަކީ އެސްއާރުސީގެ އެކައުންޓަކުން ޖަމާވެފައިވާ ފައިސާކަން ނަޖީބަށް އެނގިވަޑައިނުގަންނަވާކަމަށް ވަކީލުން ބުނެއެވެ.

އިސްތިޢުނާފުގެ އަޑުއެހުންތައް އޭޕްރިލް މަހުގެ 22ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނެއެވެ.