އިންޑިޔާއިން ވަކިވެގަތުމަށް މަސައްކަތްކުރާ މާއޮއިސްޓު ޖަމާޢަތުން ދިން ޙަމަލާއެއްގައި އެ ޤައުމުގެ ސިފައިންގެ 22 މީހުން މަރުވެއްޖެއެވެ.
މާއޮއިސްޓުންނަކީ ގިނަ ޒަމާންތަކެއް ވަންދެން އިންޑިޔާގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ޙަމަލާ ދެމުންދާ ވާތު ފިޔައިގެ ހަރުކަށި ފިކުރުގެ ޖަމާޢަތެކެވެ. މާއޮއިސްޓުން ބުނާ ގޮތުގައި އެ ޖަމާޢަތުން ވަކާލާތުކޮށް މަސައްކަތްކުރަނީ އިންޑިޔާގެ އެންމެ ފަޤީރު މީހުންގެ ހައްޤުގައެވެ. އޭޝިޔާގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު އިންޑިޔާގައި އޮތް ނަމަވެސް ފަޤީރުންނަށް އޭގެ ފައިދާ ނުކުރާކަމަށް އެ ޖަމާޢަތުން ބުނެއެވެ.
އިންޑިޔާގެ ޗައްޓިސްގަރު ސްޓޭޓުގައި ހަތަރު ގަޑިއިރަށް ކުރިޔަށްދިޔަ ސިފައިންގެ 22 މީހުން މަރުވުމުގެ އިތުރުން ސިފައިންގެ 31 މީހުންވަނީ ޒަޚަމުވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އިންޑިޔާ ސިފައިންނާއި މާއޮއިސްޓުންނާ ދެމެދު ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.
އެ ކުރިމަތިލުންތަކާ ގުޅިގެން އިންޑިޔާގެ ދާޚިލީ ވަޒީރު އަމިތު ޝާހުވަނީ ޗައްޓިސްގަރަށް ޒިޔާރަތް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އިންޑިޔާގެ ސަރުކާރުން އެފަދަ ލޭ އޮހޮރުވުންތައް ބަލައިނުގަންނާނެކަމަށާއި މާއޮއިސްޓުންނާއެކު ހިނގަމުންދާ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށް އެދެވޭ ފިޔަވަޅުތަކެއް އަޅާނެކަމަށެވެ.
މާއޮއިސްޓުންގެ ފަރާތުން ކުރިމަތިވެފައިވާ ނުރައްކަލަކީ އިންޑިޔާގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދާޚިލީ ގޮންޖެހުމެވެ. ކޯވިޑް-19ގެ ސަބަބުން އިންޑިޔާގެ ޙާލަތު ގޯސްވުމުން މާއޮއިސްޓުންނަށް ތާޢީދުކުރާ މީހުންގެ ޢަދަދު ފާއިތުވި އަހަރުގެ ތެރޭގައި އިތުރުވެފައިވެއެވެ.