ޚަބަރު

ޒަމާނީ ޚިދުމަތެއް ދިނުމަށް އިސްސަފުގައި އަންހެން އޮފިސަރުންގެ ދައުރު މުހިންމު: ރައީސް


ރައްޔިތުންނާއި ގާތުން ޒަމާނީ ޚިދުމަތެއް ދިނުމަށް އިސް ސަފުގައި އަންހެން އޮފިސަރުންގެ ދައުރު މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް ފުރަތަމަ ފަހަރަށް 3 އަންހެން ފުލުހުން އިއްޔެ އައްޔަކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވި ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރަށް މަރުޙަބާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނާއި ގާތުން ޒަމާނީ ޚިދުމަތެއް ދިނުމަށްޓަކައި، އިސް ސަފުގައި އަންހެން ފުލުހުންގެ ދައުރު މުހިންމުކަމަށެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް ޕްރޮމޯޓްކުރެއްވި ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަޤާމުގައެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ޚިދުމަތްކުރައްވާފައެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު މީގެ ކުރިން ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 16 އަހަރު ހޭދަކޮށްފައިވާއިރު އިޒްމިއާ ވަނީ މި މުއްދަތުގައި އެކި ދާއިރާތަކުން އަގުހުރި ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް އަޒުމާ ޚިދުމަތްކޮށްފައިވެއެވެ. ސުޕްރިންޓެންޑެންޓްގެ މަޤާމު ލިބިލެއްވިއިރު އަޒުމާ މިވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޑިވިޜަން ކޮމާންޑަރުގެ މަޤާމުގައެވެ.

ފުލުހުންގެ އިސް މަޤާމަކަށް ފުރަތަމަ ފަހަރަށް ތިން އަންހެން ފުލުހުން އައްޔަންކުރައްވާފައިވާއިރު، ދާދި ފަހުން ވަނީ ދިވެހި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމަށް އަންހެން ތިން ސިފައިން ރޭންކްކޮށްފައެވެ. އަދި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކުވެސް އައްޔަންކޮށްފައިވެއެވެ.