ޚަބަރު

ޢަލީ ވަޙީދު އުޅޭ އެޑެރެހެއް ހޯދާ މާދަމާ އަންގަން ޕީޖީއަށް ހައިކޯޓުން އަމުރެއް


ޢަލީ ވަޙީދު އުޅޭ އެޑްރެހެއް ސާފުކޮށް މާދަމާ 14:00 ގެ ކުރިން ކޯޓަށް ހުށައެޅުމަށް ޕީޖީ އޮފީހުގެ މައްޗަށް ހައިކޯޓުން އަމުރުކޮށްފިއެވެ. ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރުން އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

3 ފަނޑިޔާރުންގެ ބެންޗަކުން ހައިކޯޓްގައި ކުރިޔަށް ގެންދާ ޝަރީއަތުގެ މަޖިލިސް ފެއްޓެވުމަށްފަހު މައްސަލަ ބައްލަވާ އިސްފަނޑިޔާރު ވިދާޅުވީ ޕީޖީ އޮފީހުން ޢަލީ ވަޙީދުގެ އެޑްރެސްކަމަށް ދީފައިވާ އެޑެރެހަށް ޗިޓް ފޮނުވުމުން އޭނާ އެގޢޭގައި ނޫޅެކަން އެނގިފައިވާކަމަށެވެ. އަދި ޕީޖީ އޮފީހުން ދިން އީމެއިލްއާއި ވައިބަތ ނަމްބަރުގެ އިތުރުން ވަޓްސްއެޕް ނަމްބަރަށްވެސް ޗިޓް ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް ސީން ނުފެންނަ ގޮތަށް ހަދާފައިވާތީ އެ ޗިޓް ޢަލީ ވަޙީދަށް ރައްދުވިކަން ކަށަވަރުނުވާކަމަށާއި އެ ހާލަތުގައި މައްސަލަ ކުރިޔަށް ގެންދާނީ ކިހިނެތްތޯ ފަނޑިޔާރުންވަނީ ވަނީ ދައުލަތުގެ ވަކީލާ ސުވާލުކުރައްވާފައެވެ.

ނޫޅޭކަން އެނގޭ އެޑެރެހެއް ހުށައެޅީ ކީއްވެ

ޕީޖީ އޮފީހުން ޢަލީ ވަޙީދު އުޅޭކަމަށް ހުށައެޅި އެޑްރެހުގައި އެނާ ނުޅޭކަން އެނގޭތޯއާއި އެކަން އެނގޭއިރު އެެ އެޑްރެސް ޖަހާ ހުށައެޅީ ކީއްވެތޯ ފަނޑިޔާރުންވަނީ ސުވާލުކުރައްވާފައެވެ. އަދި އެއީ ސައްހަ ނޫން މައުލާތެއް ހުށައެޅުން ނޫންތޯވެސް ފަނޑިޔާރުންވަނީ ސުވާލު އުފައްދަވާފައެވެ.

ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޢަލީ ވަޙީދު މިހާރު އުޅޭ އެޑްރެސް އެ އޮފީހަށްވެސް ނޭގޭކަމަށެވެ. އަދި މާލޭގައި އުޅުނު އެޑްރެސް ހުށައެޅީ އޭނާ އެނބުރި އައިސް އުޅޭނީވެސް އެގޭގައިކަމަށް ބެލެވޭތީކަމަށެވެ. އަދި މި މައްސަލާގައި އެދެނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުންކަމަށްވެސް ދައުލަތުން ވަކީލް ވިދާޅުވިއެވެ.

ދައުވާ ލިބޭ ފަރާތް ހާޒިރުނުކުރެވޭ ހާލަތުގައި ޖިނާއީ މައްސަލަތައް ކުރިޔަށް ގެންދެވިދާނެތޯ ފަނޑިޔާރުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ދައުލަތުގެ ވަކީލް ވިދާޅުވީ ވަކި ހާލަތްތަކެއްގައި އެގޮތަށް ޝަރީއަތް ކުރިޔަށް ގެންދެވިދާނެކަމަށް ޤަބޫލުކުރެވެއެވެ.

މިއަދުގެ އަޑުއެހުން ކޯޓުން ނިންމާލީ ޢަލީ ވަޙީދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު މާދަމާ 02:00 ގެ ކުރިން ދައުލަތުން ކޯޓަށް އެންގުމަށް އަމުރުކޮށްފައެވެ. އަދި އެ މައްސަލަ ކުރިޔަށް ގެންދެވޭތޯ ނޫންތޯ އެއަށްފަހު ކަނޑައަޅާނެކަމަށް ވެސް މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ޢަލީ ވަޙީދު އުޅޭ އެެޑްރެހެއް ސާފުކުރެވޭތޯ ބެލިދާނެކަމަށެވެ.

އަލީ ވަހީދު ޓްއަރިޒަމް މިނިސްޓަރުކަމަށް ހުނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ. އަދި މި އެ މައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރުވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަމަށް ވިދާޅުވެފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ. އަލީ ވަހީދު ބޭރަށް ފުރާފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ ޖާމިނުވުމުންނެވެ. އަދި ހަތަރު މަސްދުވަސް ތެރޭ އަލީ ވަހީދު އަނބުރާ ގެންނާނެކަމުގެ ޔަޤީންކަންވެސް އަސްއަދު ވަނީ ދީފައެވެ.