ޚަބަރު

ޕޮލިސް ބޯޑަށް ސަފާ އައްޔަންކުރަން ފާސްކޮށްފި


ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް ސަފާ ޝަރީފު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޕޮލިސް ބޯޑަށް ސަފާ އައްޔަންކުރަން ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ ވޯޓުންނެވެ. ސަފާ އަކީ ޤާނޫނީ ވަކީލެކެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ދެ މެމްބަރުން އައްޔަންކުރަން ޖެހެއެވެ. މީގެ ކުރިން ވަނީ އެއް މެންބަރަކު އައްޔަންކޮށްފައެވެ. އެއީ ކުރީގެ މަޖިލިސް މެންބަރު ޙާމިދު ޢަބްދުލްޣަފޫރެވެ. ޕޮލިސް ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ ދެވަނަ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ސަފާ ހިމެނޭހެން 6 މީހަކު ކުރިމަތިލެއްވިއެވެ. އެއީ:

1. އިބްރާހިމް ތައުފީޤް، މއ.ރިހިވިލާގެ
2. މުހައްމަދު އިމްރާން ޝަރީފް، މ.ތަންތަރާ
3. ޝަފާ ޝަރީފް، ދެތަނޑިމާގެ، ސ.ހުޅުދޫ
4. އަހުމަދު އުސައިދު ހަސަން، ލަކީސްޓަރ، ގދ.ހޯޑެއްދޫ
5. އައިޝަތު ރަޝީދު، ކޮކާގެ ސ.ފޭދޫ
6. ހައްވާ ރީނާ ހަސަން، މ.ދިއްގަލި

މި ނަންތަކުގެ ތެރެއިން ސަފާ ޕޮލިސް ބޯޑަށް އައްޔަންކުރުމަށް، ނަން ދިރާސާކުރެއްވި، ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓިން ފާސްވީ ކޮމެޓީގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ކޮމިޓީ ރިޕޯޓްގައިވެއެވެ.

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.