ކުޅިވަރު

މައޭމީ އޯޕަންގެ ފިރިހެން ޗެމްޕިއަންކަން ހުބަރޓް ހަރކަރޗް ކާމިޔާބުކޮށްފި


މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޕޯލަންޑްގެ ހުބަރޓް ހަރކަރޗް ކާމިޔާބުކޮށްފިއެެވެ. ހަރކަރޗް މިމުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އިޓަލީވިލާތުގެ ޒުވާން ކުޅުންތެރިޔާ ޔަނިކް ސިނަރއާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ފައިނަލް މެޗް ހަރކަރޗް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހަތެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ. އެއް ގަޑިއިރާއި 43 މިނެޓަށް ދެމިގެންދިޔަ ފައިނަލް މެޗްގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އަދި ހަރކަރޗްއަށް ފުރަތަމަ ސެޓް ކާމިޔާބު ކުރެވުނީ ޓައި ބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން ޓައިބްރޭކް ކާމިޔާބުކޮށްގެންނެވެ. ދުނިޔޭގައި 37 ވަނައަށް ރޭންކް ކޮށްފައިވާ ހަރކަރޗް ވެފައިވަނީ 2005 ވަނަ އަހަރަށްފަހު ޓެނިސް މާސްޓަރސް މުބާރާތެއް ކާމިޔާބުކުރި އެންމެ ދަށުން ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާއަށެވެ. މިފަހަރުގެ މުބާރާތުގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް އާއި ރަފައެލް ނަދާލް އާއި ރޮޖަރ ފެޑެރަރވެސް ބައިވެރިވެފައެއް ނުވެެއެވެ.

މިމުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަންވަނީ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޮސްޓްރޭލިއާގެ އޭޝްލީ ބަރޓީ ކާމިޔާބުކޮށްފައެވެ. އޭނާ މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ކެނެޑާގެ ބިއާންކާ އެންޑްރީސްކޫ އާއި ބައްދަލުކޮށެވެ. މިމެޗްގައި ބިއާންކާ ވަނީ ދެވަނަ ސެޓްގައި އަނިޔާވެގެން މެޗުން ރިޓަޔަރ ކޮށްފައެވެ. އޭރު ބަރޓީ ވަނީ ފުރަތަމަ ސެޓް ހައެއް ތިނަކުން ކާމިޔާބުކޮށް ދެވަނަ ސެޓްގައި ހަތަރު ގޭމްގެ ލީޑެއް ނަގާފައެވެ.