ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓަން އެންޑް ހޯވް އެލްބިއަންގެ މެޗް ޔުނައިޓެޑް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ ދެލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ބްރައިޓަންގެއެވެ. އެގޮތުން މެޗްގެ 13 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ބްރައިޓަންއިންވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކުރިން ޔުނައިޓެޑަށް ކުޅެފައިވާ ޑެނީ ވެލްބެކެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ މިނަތީޖާގައި އޮވެގެން ނަމަވެސް ދެވަނަ ހާފްގައި ޔުނައިޓެޑުންވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗްގެ 62 ވަނަ މިނެޓްގައި މާކަސް ރަޝްފަޑް ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މިމެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ މޭސަން ގްރީންވުޑްއެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހަށްފަހު ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިމެޗްގައި ބްރައިޓަންއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުންވެސްވަނީ ދޭތެރެ ދޭތެރެއިން ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އަދި ދެވަނަ ހާފްގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއެއަރ ބްރައިޓަންގެ ވެލްބެކަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަށް ޕެނަލްޓީއެއް ލިބެން ވާނެކަމަށް ބްރައިޓަންއިން ޤަބޫލް ކުރިއެެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ އެއީ ޕެނަލްޓީއަކަށް ދައްކާފައި ނުވާތީ ޕެނަލްޓީއެއް ދޭންޖެހޭ ފައުލަކަށް ނުބެލިއެެވެ.

މިކާމިޔާބީގެ ސަބަބުން ޔުނައިޓެޑާއި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީއާއި ދެމެދުގައި ވާ ފަރަގު މިހާރުވަނީ 14 ޕޮއިންޓަށް ކުޑަވެފައެވެ. ޔުނައިޓެޑަށް މިހާރު ލިބިފައިވަނީ 30 މެޗުން 60 ޕޮއިންޓެވެ. އަދި ބްރައިޓަން އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ 16 ވަނައިގައެވެ.