ކުޅިވަރު

ނެޓްސް އާއި ލޭކަރސް އާއި ސެވެންޓީ ސިކްސަރސް ރޭ ކުޅުނު މެޗްތަކުން ބަލިވެއްޖެ


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި މިސީޒަންގައި އެންމެ ފާހަގަ ކޮށްލެވޭ ޓީމްތަކުގެ ތެރޭގައި ހިމެނޭ ބްރޫކްލިން ނެޓްސް އާއި ފިލަޑެލްފިއާ ސެވެންޓީ ސިކްސަރސް އަދި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް ރޭ ކުޅުނު މެޗްތަކުން ބަލިވެއްޖެއެވެ.

މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިވމެޗް ބުލްސް ކާމިޔާބުކުރީ 115 ޕޮއިންޓް 107 ޕޮއިންޓުންނެވެ. މިމެޗްގައި ބުލްސްގެ ނިކޮލާ ވުސެވިޗްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާފައެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް އެޓީމަށް ހޯދާދީ 15 ރީބައުންޑް ނަގާދިން ކައިރީ އަރވިންގއެވެ.

ލޭކަރސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 104 ޕޮއިންޓް 86 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. ލޭކަރސްއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި ފަހަކަށް އައިސް އެޓީމަށް ރަނގަޅު ކުޅުމެއް ދެއްކެމުން ނުދެއެވެ. އެގޮތުން މިމެޗްގައިވެސް އެޓީމްގެ މުހިންމު ކުޅުންތެރިން ތަކެއް ކަމަށްވާ ލެބްރޮން ޖޭމްސް އާއި އެންތަނީ ޑޭވިސް އަދި އަންޑްރޭ ޑްރޫމޮންޑް އާއި ވެސްލީ މެތިއުސްއަށް ކުޅެވޭގޮތެއް ނުވިއެެވެ. މިމެޗް ފެށުނީއް ސުރެން ކޮންޓްރޯލް ކުރަމުންދިޔައީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ކައުހީ ލިއޮނާޑްވަނީ އެޓީމަށް 19 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ލޭކަރސްގެ މޮންޓްރެޒްލް ހެރެލްވަނީ އެޓީމަށް 19 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާފައެެވެ.

މީގެއިތުރުން މެމްފިސް ގްރިޒްލީސް އާއި ފިލަޑެލްފިއާ ސެވެންޓީ ސިކްސަރސް ބައްދަލުކުރި މެޗް 116 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. މިމެޗްގައި ގްރިޒްލީސްގެ ޖޯނަސް ވެލެންސިއުނާސްވަނީ އެޓީމަށް 16 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާފައެވެ. އަދި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދިން ޓޯބިއަސް ހެރިސްއެވެ.

މިމުބާރާތުގައި އެޓްލާންޓާ ހޯކްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރި މެޗް 117 ޕޮއިންޓް 111 ޕޮއިންޓުން ހޯކްސް ކާމިޔާބުކުރިއިރު ބޮސްޓަން ސެލްޓިކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 86 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ.