ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ނުރައްކަލެއް ނެތް:ދުންޔާ


ރާއްޖޭގައި ކުއްލި
ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައި އޮތް ނަމަވެސް، ޤައުމުގެ ޙާލަތު
އަމާންކަމަށާއި އެއްވެސް ހަމަނުޖެހުމެއް ނެތްކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ޕީ.އެސް.އެމް. ނިއުސްއަށް ދެއްވި
ޚާއްޞަ ބަސްދީގަތުމެއްގައި ދުންޔާ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތާއި
ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއްވެސް ނުރައްކަލެއް
ނެތްކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމަށެވެ.



ދުންޔާ އިތުރަށް
ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ
ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާއާއި،
މި ހަމަލާއަށްފަހު ހިންގި ސަލާމަތީ އޮޕަރޭޝަންތަކުގައި ނުރައްކާތެރި
ހަތިޔާރުތަކަކާއި ގޮވާތަކެތި ފެނުމާއި ގުޅިގެންކަމަށެވެ. އަދި، ކުއްލި
ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ އެންމެ މުހިއްމު މަޤްޞަދަކީ ޤައުމުގެ
ސަލާމަތީ ޙާލަތު ކަށަވަރު ކުރުމަށާއި، ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަން
ކަށަވަރު ކުރުމަށްކަމަށެވެ.  



ކުއްލި ނުރައްކަލުގެ
ޙާލަތާއި ގުޅިގެން ބޭރުގެ ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުން
ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ދުންޔާ ވިދާޅުވީ، މި ސަރަހައްދުގެ
ޑިމޮކްރެސީތަކުންނާއި ހުޅަނގު ޤައުމުތަކުންވެސް ކުއްލި ނުރައްކަލުގެ ޙާލަތު
އިޢުލާނުކުރާފަދަ ޙާލަތްތައް މެދުވެރިވުމުން، އެ ޤައުމުތަކުންވެސް މި ގޮތަށް
އަމަލުކޮށްފައިވާކަމަށެވެ. އަދި، ރާއްޖޭގައި އިޢުލާނުކޮށްފައިވާ ކުއްލި
ނުރައްކަލުގެ ޙާލަތުގެ ދަށުން ހިފެހެއްޓިފައިވަނީ ރައްޔިތުންގެ ވަރަށް މަދު
ޙައްޤުތަކެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.



މީގެ
އިތުރުން، ސްރީލަންކާގައި ހައްޔަރުކޮށްފައިވާ ދިވެހި ރައްޔިތެއްގެ މައްސަލައާއި،
ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ރައްޔިތެއްގެ މައްސަލައާއި ގުޅިގެން ފެތުރެމުންދާ
ޚަބަރުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، މި ދެ
މީހުން ހައްޔަރުކުރުމުގައި ކަނޑައެޅިފައިވާ ހުރިހާ އިޖުރާއަތްތަކެއް ދިވެހި ސަރުކާރުން
ފުރިހަމަކޮށްފައިވާކަމަށެވެ. އަދި، ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް
ދެނީ ދިވެހި ރައްޔިތުންނާއި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށްވެސް
ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.