ކުޅިވަރު

ދިރާގު ޕްރިމިއަރ ލީގު: ސަސް އިން މާޒިޔާ ހިފަހައްޓައިފި


ދިރާގު ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން ލީގުގެ އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ލަނޑެއް ޖެހިޔަނުދީ ހުއްޓުވައިފިއެވެ.

މެޗު ފަށައިގެން މާޒިޔާ އިން މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައިރު, ސަސް އިން ދިޔައީ މާޒިޔާ އެޓޭކްކުރަން ޖާގަ ނުދީ ރަނގަޅަށް ޑިފެންސްކުރަމުންނެވެ. މާޒިޔާގެ ފުރަތަމަ ހަމަލާ އުފެއްދީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އޭރިއާބޭރުން ހަމްޕު ޖެހި ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 26 ވަަނަ މިނިޓްގައި އެ ޓީމުގެ ޖަޕާންގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ (ޓަކާ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ޓަކާ ފޮނުވާލި ބާރު ބޯޅަ ސަސްގެ ކެޕްޓަން އަބްދުالله ހަނީފް (ބެންޖޯ) ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ސަސް އިން ވަނީ ލީޑުނެގުމާ ގާތަށް ޖެހިލާފައެވެ.

ދެވަނަ ހާފްގައި މާޒިޔާގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ސަސްގެ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެ ވަގުތުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމެއްގައި މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ސަސްގެ އުޒްބެކިސްތާން ގޯލްކީޕަރު މިރުޒޮހިދު ވަނީ މަތަކޮށްފައެވެ.

މި ޕޮއިންޓާ އެކު ސަސް ވަނީ ލީގުގެ ހަ ވަނައަށް ޖެހިލާފައެވެ. އެއީ ހަތް ވަނައިގައި އޮތް އީގަލްސްއަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. އީގަލްސް އަށް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު, ހަ ވަނައިގައި ސަސް އޮތީ 11 މެޗުން 12 ޕޮއިންޓް ހަަމަކޮށް ލަނޑުގެ ތަފާތުންނެވެ. މި ނަތީޖާއާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. މާޒިޔާ އަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު, ދެ ވަނައިގައިވާ ވެލެންސިއާއަށް 10 މެޗުން ވަނީ 18 ޕޮއިންޓް ލިބިފައެވެ.

ވެލެންސިއާ މި ހަފްތާގައި ކުޅެން އޮތީ އީގަލްސްއާއެވެ. އެހެންނަމަވެސް އީގަލްސް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭ މެޗު އޮތުމުން ވެލެންސިއާއާ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފައެވެ.