ކުޅިވަރު

ސެވަންޓީ ސިކްސަރސްއާއި ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 122 ޕޮއިންޓް 113 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 32 ޕޮއިންޓް ހޯދާދިން ޓޯބިއަސް ހެރިސްއެވެ. އަދި ވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 39 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދިން ކަރލް އެންތަނީ ޓައުންސްއެވެ.

މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗް 137 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ޑޮނޮވެން މިޝޭލްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދާދީފައެެވެ. އަދި މެޖިކްގެ ވެންޑެލް ކަރޓަރ ޖޫނިއަރ ވަނީ އެޓީމަށް 19 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާފައެވެ.

މީގެއިތުރުން މިމުބާރާތުގައި މައޭމީ ހީޓް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 115 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. މިމެޗްގައި ހީޓްގެ ބޭމް އަޑެބަޔޯވަނީ އެޓީމަށް 18 ޕޮއިންޓް ހޯދާދީ 11 އެސިސްޓް ކޮށްފައެެވެ. އަދި ކެވެލިއަރސްގެ ކޮލިން ސެކްސްޓަންވަނީ 26 ޕޮއިންޓް އެޓީމަށް ހޯދާދީފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ނިއުޔޯކް ނިކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 81 ޕޮއިންޓުން ނިކްސް ކާމިޔާބުކުރިއިރު ޑެލަސް މެވްރިކްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 87 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ.