ކުޅިވަރު

ޓުކެލްގެ ކޯޗުކަމުގެ ދަށުގައި ފުރަތަމަ ފަހަރަށް ޗެލްސީ ބަލިވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި ޗެލްސީ ބައްދަލުކުރި މެޗް ވެސްޓް ބްރޮމް ކާމިޔާބުކޮށްފިއެވެ. ގިނަ ބަޔަކަށް ހައިރާންކަން ގެނައުމަށްފަހު މިމެޗް ވެސްޓް ބްރޮމް ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ.

މިއީ ޗެލްސީގެ ކޯޗުކަމާއި ޖަރުމަނުވިލާތުގެ ތޯމަސް ޓުކެލް ހަވާލުވިފަހުން އެޓީމް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޗެލްސީއެކޭ އެއްވަރަށް ވެސްޓް ބްރޮމްގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗްއެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެ މިނެޓް ފަހުން ޗެލްސީގެ ތަޖްރިބާކާރު ޑިފެންޑަރ ތިއާގޯ ސިލްވަރ ވެސްޓް ބްރޮމްގެ އޮކޭ ޔޮކުސްލޫއަށް ކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު ވަނީ ރަތްކާޑު ދައްކާފައެވެ. އެހެން ކަމުން މެޗްގެ ބޮޑު ބައި ޗެލްސީ ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ. ނަތީޖާއަކަށްވީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި މެތިއަސް ޕެރެރާ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ. އަދި އޭގެ ދެމިނެޓް ފަހުން ޕެރޭރާވަނީ މިމެޗްގައި ފުރަތަމަ ފަހަރަށް ވެސްޓް ބްރޮމްއަށް ލީޑު ނަގާދީފައެވެ. މިމެޗްގައި ވެސްޓް ބްރޮމްގެ ތިންވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ކެލުމް ރޮބިންސަން ޖަހާދިންއިރު ހަތަރުވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދިނީ އެމްބާޔޭ ޑިއާންގްއެވެ. މިމެޗްގައި ޗެލްސީގެ ދެވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހާދިނީ މޭސަން މައުންޓްއެވެ. އަދި ވެސްޓް ބްރޮމްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ތިންވަނަ ލަނޑުވެސް ޖަހާދިން ރޮބިންސަންއެވެ.

މިކާމިޔާބީގެ ސަބަބުން 19 ވަނައިގާ އޮތް ވެސްޓް ބްރޮމްގެ މަގާމަށް ބަދަލެއް ނައި ނަމަވެސް އެޓީމް ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. އެޓީމަށް މިހާރުވަނީ 30 މެޗުން 21 ޕޮއިންޓް ލިބިފައެވެ. އަދި 17 ވަނައިގާ އޮތް ނިއުކާސްލްއާ ދެމެދުގައިވާ ފަރަގު މިވަނީ ހަތް ޕޮއިންޓަށް ކުޑަވެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެސްޓް ބްރޮމްގެ ކޯޗު ސޭމް އެލަރޑައިސް ބުނީ އޭނާ މިހިރީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށާއި އެއީ މިމެޗުން މޮޅު ވުމުގެ އިތުރުން މިމެޗް އޭނާގެ ޓީމް ކާމިޔާބުކުރި ގޮތުންކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ވެސްޓް ބްރޮމްއިން ފަހަކަށް އައިސް ރަނގަޅަށް ކުޅޭ ކަމަށާއި މައްސަލައަކަށް ވެފައިއޮތީ ލަނޑު ޖެހުން ކަމަށެވެ. އަދި މިމެޗްގައި އެފެނިގެންދިޔައީ އޭނާގެ ޓީމަށް މަދުވަމުންދިޔަ ކަންތައްތައް ކަމަށްވެސް އެލަރޑައިސް ހާމަކުރިއެެވެ.

މިމެޗުން ބަލިވުމުން މިއަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ޗެލްސީން ކުރަމުންދާ މަސައްކަތަށް މިވަނީ ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ޓުކެލް ބުނީ މިމެޗްގެ ދެވަނަ ހާފްގައި ފެނުނު ކުޅުން އޭނާގެ ޓީމްގެ ފަރާތުން ފެނިގެން ހިނގައިދާނެ ކަމަށް ކުރިން ވިސްނިފައިވެސް ނެތް ކަމަށެވެ. އަދި ޗެލްސީ ކަހަލަ ޓީމަކުން އެއް ކުޅުންތެރިއެއް މަދުން ކުޅުނު ނަމަވެސް 5 ލަނޑު ބައިކޮޅަށް ވަނަދީގެން ނުވާނެކަމަށް އޭނާ ހާމަކުރިއެވެ. ޗެލްސީ މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ނަމަވެސް ވެސްޓް ހޭމް ޔުނައިޓެޑް މާދަމާރޭ ވުލްވަރހެމްޕްޓަން ވޮންޑަރަރސް އާއި ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ އެޓީމް ހަތަރުވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.