އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.
ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ. ނަމަވެސް މިހަމަލާތަކާއެކުވެސް މިމެޗްގެ ފުރަތަމަ ހާފްގައި ލިވަޕޫލަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާދިނީ ލިވަޕޫލަށް މިސީޒަންގައި މުހިންމު ލަނޑުތަކެއް ޖަހާދެމުން އަންނަ ޑިއެގޯ ޖޮޓާއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން އާސެނަލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލިވަޕޫލުންވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މުހަންމަދު ސަލާއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ޖޮޓާއެވެ. މިމެޗްގައި އާސެނަލްގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މުޅި މެޗް ކޮންޓްރޯލް ކޮށްފައިވަނީ ލިވަޕޫލުންނެވެ.
މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިއާއެކު ގަދަ ހަތަރަކަށް އަރާ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް އެޓީމުން ކުރާ އުންމީދު މިވަނީ އާވެފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔަރގަން ކްލޮޕް ބުނީ މުޅި މެޗަށް ބަލާއިރު އޭނާގެ ޓީމްގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި އޭނާގެ ޓީމުން ޗެމްޕިއަންސް ލީގުގެ ޖާގައަކަށް މަސައްކަތް ކުރާކަން މިމެޗުން ހާމަވެގެން ދާނެކަމަށާއި ނަމަވެސް މިސީޒަންގައި ކަން ދިމާވެފައިވާގޮތުން މިހާރު ހުރިހާ ކަމެއް އަމިއްލަ ބާރުގެ ދަށުގައި ނެތްކަމަށް ކްލޮޕް ހާމަކުރިއެެވެ. އެހެންކަމުން މިހާރު ޖެހިފައިވަނީ ކުޅެން ހުރި މެޗްތައް ކާމިޔާބުކޮށް އެހެން މެޗްތަކުން ނިކުންނަ ނަތީޖާގެ އިންތިޒާރުގައި ތިބުންކަމަށް އޭނާ ހާމަކުރިއެވެ.
މިމެޗުން ބަލިވުމުން އާސެނަލް އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ހާމަކުރިގޮތުގައި މިމެޗްގައި ލިވަޕޫލް ފެނުނީ ހުރިހާގޮތުންވެސް އޭނާގެ ޓީމަށްވުރެ ވަރުގަދަކޮށް ކަމަށެވެ. އަދި މިވަގުތު މިހުރެވުނީ ކުޑަ ހައިރާން ކަމެއްގެ ތެރޭގައި ކަމަށާއި މިއީ އޭނާ ވެދާނެކަމަށް އުންމީދު ކުރިގޮތެއް ނޫންކަމަށެވެ. އަދި މިކަމުގެ ޒިންމާ އޭނާ ނަގާކަމަށާއި އަދި ކުރިއަށް އޮތްތާނގަ އޭނާގެ ޓީމްގެ ފަރާތުން މިފަދަ ކުޅުމެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެކަމަށްވެސް އާޓެޓާ ހާމަކުރިއެވެ.