ކުޅިވަރު

ލިޕްޒިގް ބަލިކޮށް ބަޔޭން މިޔުނިކުން ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކާއި އާރް.ބީ. ލިޕްޒިގް ބައްދަލުކުރި މެޗް ކާމިޔާބުކޮށް ބަޔޭންއިން ޕޮއިންޓް ތާވަލްގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެެވެ. ލިޕްޒިގްގެ ދަނޑުގައި ކުޅުނު މިމެޗް ބަޔޭން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ލިޕްޒިގުން އުފެއްދި ނަމަވެސް ބަޔޭންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެެވެ. ބަޔޭންގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއަށްް އަނިޔާވެފައިވުމުގެ ސަބަބުން އޭނާއާއި ނުލާ ކުޅުނު މިމެޗްގައި ބަޔޭންގެ ހަމައެކަނި ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ ލެއޮން ގޮރެޓްޒްކާއެވެ. މިމެޗްގައި ލިޕްޒިގްއަށް ލަނޑެއް ޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ މާސެލް ސަބިޓްޒަރއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ބަޔޭންގެ ކީޕަރ މެނުއަލް ނޯޔަރ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ބަޔޭންއަށް މިހާރުވަނީ ކުޅުނު 27 މެޗުން 64 ޕޮއިންޓް ލިބިފައެވެ. އަދި ލިޕްޒިގް އުޅެނީ 27 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ދެވަނައިގައެވެ. މިމެޗުން ބަލިވި ނަމަވެސް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިޕްޒިގަށް ލިބޭނެކަން މިހާރުވަނީ ޔަގީންވެފައެވެ. އެއީ ފަސްވަނައިގާ އުޅޭ ބޮރުޝިއާ ޑޯޓްމުންޑާއި އެޓީމާއި ދެމެދު މިހާރު 14 ޕޮއިންޓްގެ ފަރަގެއް އޮތުމުންނެވެ.