ވިޔަފާރި

މިޝެލިން ސްޓަރ ޝެފެއް މަސައްކަތްކުރާ ކަނޑުއަޑީގެ ފުރަތަމަ ރެސްޓޯރަންޓަކަށް ރާއްޖޭގެ "އެޗްޓޫއޯ"


މިޝެލިން ސްޓަރ ޝެފެއް މަސައްކަތްކުރާ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓުގެ ޝަރަފު "ޔޫއެންޑްމީ" ބައި ކޮކޫން ރިސޯޓްގައި ތަރައްޤީކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓަށް ލިބިއްޖެއެވެ.

މިޝެލިން ސްޓަރއަކީ ދުނިޔޭގެ އެންމެ މޮޅު ޝެފުން އަދި ރެސްޓޯރަންޓްތަކަށް ދޭ ޝަރަފެކެވެ.

2019 ވަނަ އަހަރު ރާއްޖޭގައި ހުޅުވި ޔޫއެންޑްމީ ބައި ކޮކޫން މޯލްޑިވްސްއަކީ، ކަނޑުއަޑީގެ ހިތްޤާއިމު ރެސްޓޯރަންޓަކާއެކު ހުޅުވިގެންދިޔަ ރިސޯޓެކެވެ. ރިސޯޓް ހުޅުވިތާ 2 އަހަރެއްހާ ދުވަސްވެފައިވާއިރު، އެ ރިސޯޓްގެ ކަނޑުއަޑީގެ ރެސްޓޯރަންޓް މިވަނީ ރީބްރޭންޑްކުރުމަށްފަހު އަލުން ލޯންޗުކޮށްފައެވެ.

"އެޗްޓޫއޯ"ގެ ނަން ދީފައިވާ މި ރެސްޓޯރަންޓް މިފަހަރު ރީބްރޭންޑްކޮށްފައިވަނީ "އެޗްޓޫއޯ ބައި ޝެފް އެންޑްރިއޭ ބާރޓަން"ގެ ނަމުންނެވެ.

މިޝެލިން ސްޓަރ ލިބިފައިވާ ރެސްޓޯރަންޓްތަކާއި ޝެފުންނަކީ އެމީހުންގެ މަސައްކަތާއިމެދު އިތުރު ސުވާލެއް ނުވަތަ ޝަކުވާއެއް ކުރެވޭ ވަރަށްވުރެ ފުރިހަމަ މަސައްކަތްތަކެއް ކުރާ ބައެކެވެ.

ޝެފް އެންޑްރިއޭ ބާރޓަންއަކީ މިޝެލިން ސްޓަރ ޝެފަކަށްވާއިރު، މިއީ ކަނޑުއަޑީގެ ރެސްޓޯރަންޓެއް މިޝެލިން ސްޓަރ ޝެފެއްގެ ސީދާ ބެލުމުގެ ދަށުންގެ ހިންގާ ފުރަތަމަ ފަހަރެވެ.

"ޔޫއެންޑްމީ" ބައި ކޮކޫން ރިސޯޓްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޖިހާދު (ޖޭ) ވިދާޅުވީ ކަނޑުއަޑީގެ ރެސްޓޯރަންޓްތައް ރާއްޖޭގައި އިތުރުވަމުންދާއިރު، ފަތުުރުވެރިންނަށް އިތުރު ތަޖުރިބާތައް ކުރުމުގެ ފުރުޞަތު ހޯދައިދޭންޖެހޭކަމަށެވެ.

"ކަނޑުއަޑީގެ ރެސްޓޯރަންޓްތައް އިތުރުވަމުންދާއިރު އިނޮވޭޓިވްވާން އެބަޖެހޭ. ދެން އޮތް ހަރުފަތަށް ދާން މިއީ ވަރަށް މުހިއްމު މަސައްކަތެއް. އަޅުގަނޑުމެންނާ މިގުޅުނީ ދުނިޔޭގެ ވަރަށް މަޝްހޫރު މިޝެލިން ސްޓަރ ޝެފެއް. މިއީ ހަމައެކަނި ވިޒިޓިންގ ޝެފެއް ނޫން. މުޅި ރެސްޓޯރަންޓް ރީބްރޭންޑް މިކުރަނީ ޝެފްގެ ބެލުމުގެ ދަށުން. މިއީ ފަތުރުވެރިންނަށް ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ" ޖިހާދު ވިދާޅުވިއެވެ.

ޔޫއެންޑްމީ ރިސޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އެލެކްސް އަޒޯލާ ވިދާޅުވީ އާއްމު ގޮތެއްގައި ރާއްޖެއަށް އަންނަނީ ވިޒިޓިންގ ޝެފުންކަމަށެވެ. ނަމަވެސް ޔޫއެންޑްމީ ރިސޯޓުން ބޭނުންވަނީ މުޅި ރެސްޓޯރަންޓްގެ ހިންގުން އެންޑްރިއޭ ބާރޓަންއާ ހަވާލުކުރުމަށެވެ.

އެޗްޓޫއޯ ރެސްޓޯރަންޓް ހިންގުމާއި ހަވާލުވި މަޝްހޫރު މިޝެލިން ސްޓަރ ޝެފް އެންޑްރިއޭ ބަރޓޭން ވިދާޅުވީ ރާއްޖެ އައުމުން ވަރަށް އުފާވާކަމަށާއި، އަދި ރެސްޓޯރަންޓަށް އަންނަ ފަތުރުވެރިންނަށްވެސް ތަފާތު ތަޖުރިބާއެއް ކުރެވޭނެކަމާއިމެދު ޝައްކެއް ނެތްކަމަށެވެ.

ކަނޑުގެ 6 މީޓަރު އަޑީގައި ތަރައްޤީކޮށްފައިވާ "އެޗްޓޫއޯ" ރެސްޓޯރަންޓުގެ އިތުރުންވެސް ޔޫއެންޑްމީ ބައި ކޮކޫން ރިސޯޓުގައި ތަފާތު އެކި ރަހަތަކުގެ ކެއުންތައް ލިބޭ 4 ރެސްޓޯރަންޓެއް ހުރެއެވެ.

ރ.އަތޮޅު އުތުރުމާފަރުގައި ތަރައްޤީކޮށްފައިވާ "ޔޫ އެންޑް މީ ބައި ކޮކޫން" ރިސޯޓަކީ ރާއްޖޭގެ ކުންފުންޏެއްކަމަށްވާ ކޮކޫން އިންވެސްޓްމަންޓުން ހުޅުވި ދެވަނަ ރިސޯޓެވެ. މި ރިސޯޓުގައި 109 ކޮޓަރި ހުންނައިރު، މީގެތެރޭގައި 7 ވައްތަރެއްގެ ކޮޓަރި ހިމެނެއެވެ. އޭގެ ތެރޭގައި މަންތާ ވިލާ، ޑޯލްފިން ވިލާ، ޑޯލްފިން ވިލާ ވިތް ޕޫލް، އަދި ބީޗް ވިލާ ހިމެނެއެވެ.