ކުޅިވަރު

އިންގްލަންޑް ޓީމްގައި އާނޯލްޑް ނުހިމެނުމުން ހައިރާންވި: ކްލޮޕް


ވާރލްޑް ކަޕް ކޮލިފައިންގައި އެންމެފަހުން އިންގްލަންޑް ކުޅުނު ތިން މެޗަށް ލިވަޕޫލްގެ ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް ނުހިމެނުމުން ހައިރާންކަން ލިބުނުކަމަށް ލިވަޕޫލްގެ ކޯޗު ޔަރގަން ކްލޮޕް ހާމަކޮށްފިއެވެ. ކްލޮޕް މިކަން ހާމަކޮށްފައިވަނީ އާސެނަލްއާއި ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗްގެ ކުރިން ބޭއްވި ޕްރެސް ކޮންފަރަންސްގައި ވާހަކަ ދައްކަމުންނެވެ.

ކްލޮޕް ހާމަކުރިގޮތުގައި އިންގްލަންޑް ޓީމްގެ ކޯޗުގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށާއި ނަމަވެސް އޭނާއަށް އެކަން ހައިރާން ކަމަކަށް ވީ ކަމަށެވެ. އަދި އެލެގްޒެންޑަރ އާނޯލްޑް އެޓީމްގައި ނުހިމެނޭނަމަ އިންގްލަންޑް ޓީމް ވަރަށް ވަރުގަދައީ ކަމަށްވެސް ކްލޮޕް ހާމަކުރިއެެވެ. އިންގްލަންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ހާމަކުރިގޮތުގައި މިފަހަރުގެ ކޮލިފައިން މެޗްތަކަށް އެލެގްޒެންޑަރ އާނޯލްޑް ނުނެގީ މިސީޒަންގައި އޭނާ އެންމެ ރަނގަޅަށް ކުޅެވެމުން ނުދާތީ ކަމަށެވެ.

ކްލޮޕް ހާމަކުރިގޮތުގައި އެލެގްޒެންޑަރ އާނޯލްޑް ވަނީ ވޭތުވެދިޔަ ދެސީޒަންގައި ވަރަށް މޮޅަށް ކުޅެފައިކަމަށާއި އަދި މިސީޒަން އޭނާއަށް ފަށަށް ޖެހުނީ ކޮވިޑް 19 އިން ކަމަށް ވުމުން އެކަމުން ރަނގަޅުވެ ޓީމްގެ ތެރެއަށް އަންނަން ވަގުތު ކޮޅެއް ނެގި ކަމަށާއި ނަމަވެސް އެނބުރި އައިސް ކުޅެމުންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެއީ މިސީޒަންގައިވެސް ލިވަޕޫލްގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާ ކަމަށް ކްލޮޕް ހާމަަކުރިއެވެ.

ކްލޮޕް މިހެން ހާމަކުރިނަމަވެސް މިސީޒަންގައި ފޯމް ގެއްލިފައިވާކަމަށް އެންމެ ގިނަ ބަޔަކު ވާހަކަ ދައްކާ ލިވަޕޫލް ކުޅުންތެރިންގެ ތެރޭގައި އެލެގްޒެންޑާރ އާނޯލްޑްވެސް ހިމެނެއެވެ.