ޚަބަރު

ޢުމުރުން 16 އަހަރުގައި ލައިސަންސް ދެވޭގޮތަށް ބަދަލުގެނައުމަށް ހުށައަޅައިފި


ޢުމުރުން 16 އަހަރު ފުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދެވޭގޮތަށް ބަދަލު ގެނައުމަށް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށައަޅުއްވައިފިއެވެ.

އޭނާ މިއިޞްލާހު ހުށަހެޅުއްވީ، ޢުމުރުން 18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާއަށް ލުއި ދިނުމާއި ގުޅޭގޮތުން އިއްޔެ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ.

2016ވަނަ އަހަރާއި ހަމައަށް ޢުމުރުން 18 ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ވަނީ މަޢާފުކޮށްފީފައެވެ. ނަމަވެސް އެމުއްދަތުން ފެށިގެން މިއަހަރުގެ މިހާތަަނށް ގިނަ ޢަދަދެއްގެ ކުދިން ލައިސަންސް ނެތި އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވާއިރު އެ ޢަދަދު 136 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ބާބު 3 ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނަޒީލް ވިދާޅުވީ، ޢުމުރުން 18 އަހަރު ނުވަނީ އެއްގަމު އުޅަނދު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާގެ ސަބަބުން، ޤާނޫނީގޮތުން ކުިރަންޖެހޭ ވަރަށް ގިނަ ކަންކަމަށް އެކުދިންނަށް ހުރަސްއެޅޭކަމަށެވެ. ނަޒީލްް ވިދާޅުވީ، ފުލުހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ޢުމުރުން 14 އަހަރާއި 17 އަހަރާއި ދެމެދުގެ ގިނަ ކުދިންތަކެއް އެ ޖޫރިމަނާވެފައި އެބަތިބިކަަމށެވެ. ނަމަވެސް އެކުދިންނަށް ލުއި ގޮތްތަކެއް ހޯދައިދޭން ޖެހޭކަމަށާއި، އެހެންކަމުން ޢުމުރުން 16 އަހަރު ފުރުމުން ލައިސަންސް ނެޣޭގޮތަށް އިޞްލާހެއް ކޮމިޓިއަށް ހުށައަޅާފައިވާކަމަށެވެ.

"ޒުވާން ކުއްޖަކަށް، އެންމެ ކުޑަމިނުން 18 އަހަރު ފުރި މީހަކާ އިންނަ ހިސާބަށް ދާއިރު ކޯޓް މަރުހަލާގަވެސް އެއްވެސް ޕްރޮސެސްއެއް ކުރިއަށްކަމަށް ނުގެންދެވޭ އެ ޖޫރިމަނާ ނުދައްކައެއް. މިސާލަކަށް އައިޑީކަޑު މުއްދަތު ހަމަވެއްޖެއްޔާ އަލުން އިޑީކަޑު ހައްދަން އެޕްލިކޭޝަނެއްވެސް ނުލެވޭ. އައިޑީކަޑު ނެތިއްޔާމު ލައިސަންސަކަށް އެޕްލައިވެސް ނުކުރެވޭ. މި އިންނަނީ ފާޑަކަށް ލޮކް ކުރެވިފަ. އެ ހިސާބަށް ގޮއްސަ އޮތް މައްސަލައެއް މިއީ." ނަޒީލް ވިދާޅުވިއެެވެ.

ނާޒިލް ވިދާޅުވީ 16 އަހަރުވުމުން ލައިސަންސް ދޭނީ އެކުއްޖާގެ ބެލެނިވެރިންގެ ބެލުމުގެ ދަށުންކަމަށާއި، އަދި އެކުއްޖާގެ ޢުމުރުން 18 އަހަރު ފުރޭއިރު އެއްވެސް ކުށެއް ކޮށްފައިނުވާނަމަ އެ ލައިސަންސަކީ ދާއިމީ ލައިސަންސަކަށް ބަދަލުވާނެގޮތަށް އޭނާ ހުށައެޅުއްވި ހުށައެޅުމުގައި ވާނެކަަމަށެވެ.

"އެކޮމިޓިއަށް ހުށައެޅުމެއްގޮތަށް ހުށައެޅިން އަޅުގަނޑުމެންނަށް 16 އަހަރުން ފެށިގެން އެއްގަމު އުޅަނދު ލައިސަންސް ދޫކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް ދެކޭގޮތާއި، އަދި ޓްރާންސް ޕޯޓް މިނިސްޓްރީންވެސް ދެކޭގޮތް އަޅުގަނޑުމެންނާ ހިއްސާކޮށްދެއްވަށޭ. ރާއްޖެއާއި ކައިރި އަވަށްޓެރި ޤަމުތަކުގައިވެސް ދުނިޔޭގެ އެހެން ތަހުޒީބްވެފައިވާ ޤައުމުތަކުގައިވެސް 16 އަހަރުން ފެށިގެން އެއްގަމު އުޅަނދުތަކުގެ ލައިސަންސް އެބަ ދޫކުރެވޭ. ދުކުރެވޭ މިންގަޑުތަކެއް އެބަހުރި. އޯލެވެލްވެސް އެބަ ނިމޭ ގިނަ ކުދިން 16 އަޖަރުގައި. އެ 16 އަހަރުންފެށިގެން ވަޒީފާއަކަށް ދާން އެކުއްޖާއަށް މިވަނީ މަޖުބޫރު ހާލަތަކަށް އައިސް. އެ ވަޒީފާއަށް ދާ ދިއުމުގައި ޓްރާންސްޕޯޓް ސިސްޓަމް އެބަ ބޭނުންވޭ." ނާޒިލް ވިދާޅުވިއެވެ.

ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ މީހުންގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށައަޅާފައެވެ. މިމައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ވަނީ ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ގަވާއިދުތަކާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސް ނުނެގިފައިވާ އެތައް ބަޔަކު އެބަ ތިބިކަމަށެވެ. އަދި އެފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަމުންދާ ދިޔުމަކީ އޭގެ ސަބަބުން އެފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ ޖޫރިމަނާގެ ޢަދަދު ދިހަ ހާސް ރުފިޔާއަށްވުރެ އިތުރުވެފައިވާ މީހުންގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމަޢަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށެވެ.