ދުނިޔެ

ބައިޑަންގެ މަޝްރޫތައް ފެއިލްކޮށްލާނެކަމަށް އިދިކޮޅުން ބުނެފި


އެމެރިކާގެ އުމްރާނީ ތަރައްޤީއަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ރޭވުންތަކަށް ދެކޮޅު ހަދާނެކަމަށް އިދިކޮޅު ރިޕަބްލިކަން ޕާޓީން ބުނެފިއެވެ.

އެމެރިކާގެ އިޤްތިޞާދު އަލުން ކޮޅަށް ޖަހައި އެ ޤައުމުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ޔަޤީންކޮށްދިނުމަށް ރައީސް ބައިޑަންވަނީ 2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫޢުއެއް އިޢުލާނު ކުރައްވާފައެވެ. އެ މަޝްރޫޢުއަށް ޚަރަދުކުރުމަށް ފައިސާ ހޯދުމަށް ބައިޑަން ރާއްވަވާފައިވަނީ ބޮޑެތި ކުންފުނިތަކުގެ އަތުން ނަގައި ޓެކުހުގެ ޢަދަދު އިތުރުކޮށްގެންނެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން އިންނަވާ އެންމެ އިސް މެންބަރު، މިޗް މިކްކޮނެލް ވިދާޅުވީ އެ ޕާޓީން ބައިޑަންގެ ހުށަހެޅުމަށް ތާޢީދު ނުކުރާނެކަމަށެވެ. އެ ރޭވުންތައް ހަޤީޤަތަކަށް ހެދުމަށް ސަރުކާރުން ކުރާ ހުރިހާ މަސައްކަތަކަށް ރިޕަބްލިކަން ޕާޓީން ދެކޮޅު ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޤައުމަށް އުމްރާނީ ތަރައްޤީ ގެނައުމަށް އެ ޕާޓީން އެދުނު ނަމަވެސް ބައިޑަން ހުށަހަޅުއްވާފައިވާ ރޭވުންތަކަކަކީ އެމެރިކާއާ ގުޅޭ ރޭވުންތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އުމްރާނީ ތަރައްޤީއަށް އަމާޒުކޮށް ބައިޑަން ހުށަހަޅުއްވާފައިވާ މަޝްރޫޢުގައި ޓެކުހާ ގުޅޭގޮތުން ހިމަނާފައިވާ ބައެއް ކަންތައްތައް ބަދަލުކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ތިއްބަވާ ޑިމޮކްރަޓިކް ޕާޓީގެ ބައެއް މެންބަރުން މަސައްކަތް ކުރާނެކަމަށްވަނީ ބުނެފައެވެ. އެ ޕާޓީން ބުނީ ރައީސްގެ ރޭވުންތައް އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތަކެއް ވާނަމަ އެކަމެއް އެ ޕާޓީގެ ފަރާތުން ކުރަން ބޭނުންވާ ކަމަށެވެ.

ޖުލައި މަހުގެ 4ވަނަ ދުވަހުގެ ކުރިން ބައިޑަންގެ އުމްރާނީ ތަރައްޤީއާބެހޭ ހުށަހެޅުން ފާސްކުރުމަށް ޑިމޮކްރަޓިކް ޕާޓީން އުންމީދު ކުރެއެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ތާޢީދު ނުލިބޭނަމަ އެ ބިލު ފާސް ކުރުމަށް ބޭނުން ކުރަން ޖެހޭނީ ސެނެޓުގައި ތިއްބަވާ 100 މެންބަރުންގެ ތެރެއިން 60 މެންބަރުންގެ ވޯޓު ހޯދުމުގެ ބަދަލުގައި މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެ ނިޒާމެކެވެ. އެ ނިޒާމު ބޭނުންކުރަން އެދޭނަމަ އެ މަޝްރޫޢުގައި ހިމަނާފައިވާ ޓެކުހާ ގުޅުމެއް ނެތް ބައިތައް ބިލުން އުނިކުރަން ޖެހިދާނެއެވެ.