ކުޅިވަރު

މައޭމީ އޯޕަންގެ ފައިނަލަށް އެޝްލީ ބަރޓީ


މައޭމީ އޯޕަން ޓެނިސް މުބާރާތުގެ އަންހެނުންގެ ބައިގެ ފައިނަލުން ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ އަދި މުބާރާތުގެ އެއްވަނައަށް ސީޑް ކުރެވިފައިވާ އޭޝްލީ ބަރޓީ ޖާގަހޯދައިފިއެވެ. އެންމެފަހުގެ ޗެމްޕިއަން ބަރޓީ މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ ބަލިކުރުމަށްފަހުއެވެ.

ބަރޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ސެމީފައިނަލް މެޗް އޭނާ ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. ފައިނަލްގައި ބަރޓީ ބައްދަލުކުރާނީ ކެނެޑާގެ ބިއާންކާ އެންޑްރެސްކޫ އާއި ގްރީސްގެ މާރިއާ ސަކާރީ ބައްދަލުކުރާ ދެވަނަ ސެމީފައިނަލް މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބަރޓީ ބުނި މިމެޗްގައި އޭނާއަށް ވަރަށް ރަނގަޅަށް ކުޅެވުންކަމަށް ޤަބޫލް ކުރާކަމަށެވެ. އޭނާ ބޭނުންވީ މިމެޗްގައި ވަރުގަދަޔަށް ކުޅެ މެޗް ކާމިޔާބުކުރަން ކަމަށާއި އަދި އެކަން ކާމިޔާބުކުރެވުނު ކަމަށެވެ. އަދި މިމުބާރާތުގެ ފައިނަލްގައި އަނެއްކާވެސް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭކަމަށްވެސް ބަރޓީ ހާމަކުރިއެވެ.

މިމުބާރާތުގެ ފިރިހެނުންގެ ބައިގާ ދެވަނައަށް ސީޑް ކުރެވިފައިވަ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްވަނީ ކުއާޓަރ ފައިނަލުގައި ޕޯލަންޑްގެ ހުބަރޓް ހަރކަރޒްއާއި ބައްދަލުކޮށް ބަލިވެފައެވެ. ގިނަ ބަޔަކަށް ހައިރާންކަން ގެނުވުމަށްފަހު ހުބަރޓް މިމެޗް ކާމިޔާބުކުރީ 2 ސެޓް އެއްސެޓުންނެވެ. އެއީ ދޭއް ހައެއް، ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. ހުބަރޓް މިމެޗް ކާމިޔާބުކުރީ ސިޓްސިޕާސް މިމެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކޮށް، ދެވަނަ ސެޓްގައިވެސް ދެގޭމްގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައެވެ.

މީގެއިތުރުން މިމުބާރާތުގެ ފިރިހެނުންގެ ޑަބަލްސް ފައިނަލުން އިނގިރޭސިވިލާތުގެ ދެކުޅުންތެރިންކަމަށްވާ ޑޭން އިވާންސް އާއި ނީލް ސްކުޕްސްކީ ވަނީ ޖާގަހޯދާފައެވެ. މިދެކުޅުންތެރިން ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަން އިވާން ޑޮޑިގް އާއި ފިލިޕް ޕޮލަސެކް ބަލިކުރުމަށްފަހުއެވެ. މިމެޗް އިވާންސް އާއި ސްކުޕްސްކީ ކާމިޔާބުކުރީ 2 ސެޓް އެއް ސެޓުންނެވެ. އެއީ ހަތެއް ހައެއް، އެކެއް ހައެއް އަދި ދިހައެއް ހަށަކުންނެވެ.