ކުޅިވަރު

ނޯތު މެސެޑޯނިއާ ތާވަލްގެ ތިންވަނައަށް


2022 ވަނަ އަހަރު ޤަތަރުގައި ބާއްވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ޖޭގައި ނޯތު މެސެޑޯނިއާ އާއި ޖަރުމަނުވިލާތް ބައްދަލުކުރިމެޗް ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ނޯތު މެސެޑޯނިއާ ކާމިޔާބުކޮށްފިއެވެ. ޖަރުމަނުވިލާތުގައި ކުޅުނު މިމެޗް ނޯޓު މެސެޑޯނިއާ ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނުވިލާތެވެ. ނަމަވެސް މިމެޗްގައި ނޯތު މެސެޑޯނިއާއިންވެސްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށް މިމެޗްގެ ލީޑު އެންމެ ފުރަތަމަ ނެގީ ނޯތު މެސެޑޯނިއާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގޯރާން ޕަންޑޭވްއެވެ. ޖަރުމަނުން މެޗްގެ ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 63 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާންއެވެ. މިމެޗުން ނޯތު މެސެޑޯނިއާ މޮޅުވި ލަނޑު މެޗް ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ އަލިޔިފް އެލްމާސްއެވެ. މިލަނޑު އެލްމާސް ކާމިޔާބުކުރުމުގެ ކުރިން ޖަރުމަނުވިލާތުގެ ޓީމޯ ވަރނަރއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިބޭކާރުވެގެންދިޔައެވެ.

މިއީ މިފަހަރުގެ ކޮލިފައިންގގައި ނޯތު މެސެޑޯނިއާ ކާމިޔާބުކުރި ދެވަނަ މެޗެވެ. މެޗަށްފަހު ނޯތު މެސެޑޯނިއާގެ ކޯޗު އީގޯ އެންޖެލޯސްކީ ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިންވަނީ ނޯތު މެސެޑޯނިއާ އުފަލުން ފޮޅުވާލާފައެވެ. އަދި ޖަރުމަނުވިލާތް ކަހަލަ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ޤައުމެއް މީގެކުރިން ބަލިކުރެވިފައިނުވާތީ މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ. މިކާމިޔާބީއާއެކު ނޯތު މެސެޑޯނިއާ މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. ޖަރުމަނުވިލާތް އުޅެނީ ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލްގެ ތިންވަނައިގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނު ކޯޗު ޖޯހިމް ލޯ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިންނަށް މިސްޓޭކް ހެދިފައިވާކަމަށެވެ. އަދި އަވަހަށް ކުޅެގަންނައިރު އޭނާގެ ކުޅުންތެރިން ނުރައްކާކުރި ނަމަވެސް އެހަމަލާތަށް ނިންމާލުމުގައި މައްސަލަ ދިމާވިކަމަށް ލޯ ހާމަކުރިއެވެ. މިއީ މިފަހަރުގެ ކޮލިފައިންގ ގައި ޖަރުމަނުވިލާތް ބަލިވި ފުރަތަމަ ފަހަރެވެ. އަދި ބައިކޮޅަށް ލަނޑެއްވެސް ވަތް ފުރަތަމަ ފަހަރެވެ. އަދި މިއީ 2001 ވަނަ އަހަރު އިންގްލަންޑް އަތުން 5 ލަނޑު އެއްލަނޑުން ވާރލްޑް ކަޕް ކޮލިފައިންގ ގައި ބަލިވިފަހުން ވާރލްޑް ކަޕް ކޮލިފައިންގ މެޗަކުން ޖަރުމަނުވިލާތް ބަލިވި ފުރަތަމަ ފަހަރެވެ.