ޚަބަރު

ކޮވެކްސުން ފޯރުކޮށްދޭ ވެކްސިނުގެ ބޮޑު ބައެއް އިންޑިޔާއަށް


ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކޮށް ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޮވެކްސް މަޝްރޫޢުއިން ފޯރުކޮށްދިން ވެކްސިން ޑޯޒުތަކުގެ ތިންބައިކުޅަ އެއްބައި ލިބުނީ އިންޑިޔާއަށްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިޔުއެޗުއޯއިން އިސްވެ ޤާއިމުކޮށްފައިވާ ކޮވެކްސް މަޝްރޫޢުގެ ދަށުން 64 ޤައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓާއެކުވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން އެސްޓްރަޒެނެކާގެ ޚާއްޞަ ޙުއްދައަކާއެކު އިންޑިޔާއިން އުފައްދާ ކޮވިޝިލްޑު ވެކްސިންގެ 200 މިލިއަން ޑޯޒް ކޮވެކްސްއަށް ފޯރުކޮށްދޭން ޖެހެއެވެ. އިންޑިޔާއިންވަނީ އޭގެ ތެރެއިން 28 މިލިއަން ޑޯޒް ކޮވެކްސަށް ފޯރުކޮށްދީފައެވެ. މާރިޗު މަހުގެ ތެރޭގައި 40 މިލިއަން ޑޯޒް އަދި އޭޕްރިލް މަހުގެ ތެރޭގައި 50 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް ކުރިން ތާވަލު ކުރި ނަމަވެސް އިންޑިޔާއަށް ބޭނުންވާ މިންވަރަށް ވެކްސިން ކަށަވަރުކުރުމަށް ޤައުމުން ބޭރަށް ވެކްސިން ބޭރުކުރުން އެ ޤައުމުންވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

ޔުނިސެފުގެ ވެބުސައިޓުގައި ޝާޢިރުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިޔާއިން ކޮވެކްސަށް ފޯރުކޮށްދިން 28 މިލިއަން ޑޯޒުގެ ތެރެއިން 10 މިލިއަން ޑޯޒު ލިބުނީ އިންޑިޔާއަށެވެ. އެއީ ކޮވެކްސްގެ ދަށުން އެއް ޤައުމަކަށް މިހާތަނަށް ވެކްސިން ލިބުނު އެންމެ ބޮޑު ޢަދަދެވެ. ގިނަ ޢަދަދެއްގެ ވެކްސިން ހޯދުމަށް ކޮވެކްސަށް ބަރޯސާވާ ފަޤީރު ޤައުމުތަކަށް ވެކްސިން ނުލިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ވެކްސިން ބޭރުކުރުން މެދުކަނޑާލުމަށް އިންޑިޔާއިން ނިންމާފައިވާ ނިންމުމުގެ ސަބަބުން އެ ޤައުމުތަކަށް ވެކްސިން ލިބުންވަނީ އިތުރަށް ދަތިވެފައެވެ.