ޚަބަރު

ޕާކިސްތާނުންވެސް އިންޑިޔާއާ ޞުލްޙަވާން ބޭނުންވޭ


އިންޑިޔާއިން ޕާކިސްތާނާއެކު ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާކަމަށް ވިދާޅުވެ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި ސިޓީފުޅަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ޖަވާބު ދެއްވައިފިއެވެ.

ޕާކިސްތާނު ދުވަހުގެ ހެޔޮ އެދުންތައް ފޮނުވުމަށް އިމްރާން ޚާނަށް މޯދީ ފޮނުއްވި ސިޓީފުޅުގައި އަވަށްޓެރި ޤައުމެއްގެ ޙައިޞިއްޔަތުން ޕާކިސްތާނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް އިންޑިޔާއިން ބޭނުންވާކަމަށްވަނީ ބުނެފައެވެ. ނަމަވެސް އެކަން ޙާޞިލުކުރެވޭނީ ދެ ޤައުމުގެ ދެމެދުގައި އިތުބާރު ޤާއިމުކޮށް ބިރުވެރިކަން ނައްތާލެވިފައިވާ މާޙައުލެއް ޤާއިމުކޮށްގެންކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީގެ ސިޓީފުޅުގެ ޖަވާބުގައި އިމްރާން ޚާން ފޮނުއްވި ސިޓީގައި އަވަށްޓެރި އެހެން ޤައުމުތަކެކޭ އެއްގޮތަށް އިންޑިޔާއާއެކުވެސް ޞުލްޙަވެރި ގުޅުމެއް ބޭއްވުމަށް ޕާކިސްތާނުން ބޭނުންވާކަމަށް ބުނެފައިވެއެވެ. ޕާކިސްތާނުގެ ދުވަހުގެ ހެޔޮ އެދުންތައް ފޮނުވުމުން އިންޑިޔާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރާކަމަށްވެސް އެ ސިޓީގައިވަނީ ބުނެފައެވެ.

1947ވަނަ އަހަރުގެ ފަހުން އިންޑިޔާއާއި ޕާކިސްތާނާ ދެމެދުގައި ތިން ހަނގުރާމައެއް ކޮށްފައިވެއެވެ. ފެށުނީއްސުރެ ދެ ޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ނުތަނަވަސް ގުޅުމެކެވެ. އަދި 2019ވަނަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންވަނީ އިތުރަށް ގޯސްވެފައެވެ.