ޚަބަރު

އެމެރިކާގެ އިންސާނީ ޙައްޤުތަކާބެހޭ ރިޕޯޓުގައި ޗައިނާއާއި ރަޝިޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް


ދުނިޔޭގެ ޤައުމުތަކުން އިންސާނީ ޙައްޤުތަކަށް އިޙުތިރާމުކުރާ މިންވަރާ ގުޅޭގޮތުން އެމެރިކާއިން ނެރުނު ރިޕޯޓުގައި ޗައިނާއާއި ރަޝީޔާއަށް ވަރަށް ބޮޑަށް ފާޑިކިޔައިފިއެވެ.

ދުނިޔޭގެ ޤައުމުތަކުގައި އިންސާނީ ޙައްޤުތައް އިޙުތިރާމުކުރާ މިންވަރާ ގުޅޭގޮތުން ކޮންމެ އަހަރަކުވެސް އެމެރިކާއިން ޚާއްޞަ ރިޕޯޓެއް ނެރެއެވެ. މި އަހަރުގެ ރިޕޯޓުގައި 2020ވަނަ އަހަރު 200އެއްހާ ޤައުމުގެ ޙާލަތު އޮތް ގޮތްވަނީ ހިމަނައިފައެވެ. އަދި އެމެރިކާއާ ނުތަނަވަސް ގުޅުމެއް އޮންނަ ޗައިނާއާއި ރަޝިޔާގެ ޙާލަތުވަނީ ތަފްޞީލުކޮށް ހިމަނައިފައެވެ.

މި އަހަރުގެ ރިޕޯޓު އާންމުކުރައްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވީ 2020ވަނަ އަހަރު ގިނަ ޢަދަދެއްގެ މީހުންނަށް ނިކަމެތިކަން ލިބުނުކަމަށެވެ. ބައެއް ޤައުމުތަކުގެ ސަރުކާރުތަކުން ހުދުމުހުތާރުކަން އިތުރުކޮށް އާންމުންގެ އިންސާނީ ޙައްޤުތައް ހަނިކުރުމުގެ ހުއްޖަތަކަށް ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ޙާލަތު ބޭނުންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރިޕޯޓުގައި ޗައިނާއާ ގުޅޭގޮތޮން ބުނެފައިވަނީ އެ ޤައުމުން ކޯވިޑް-19 ފެނުނު ޚަބަރު ގެނެސްދިނުމުގައި އެންމެ ފުރަތަމަ ޙަރަކާތްތެރިވި ހަތަރު ނޫސްވެރިއެއް އެ ޤައުމުން ގެއްލުވައިލިކަމަށެވެ. ކޯވިޑް-19އާ ގުޅޭގޮތުން ސަރުކާރުން ދެމުންދިޔަ މަޢުލޫމާތާ ޚިލާފަށް މަޢުލޫމާތު ދެމުންދިޔަ މާހިރުންނާމެދު ފިޔަވަޅު އަޅާފައިވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ އިތުރުން ޗައިނާގެ ޝިންޖިޔާނުގައި އުއިގުރު ދަރިކޮޅަށް ނިސްބަތްވާ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބަންދުކޮށްގެން ގެންގުޅުމުގެ އިތުރުން ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ފިކުރު ބަދަލުކުރުމަށް ޚާއްޞަ ތަމްރީނުތަކެއް ޗައިނާގެ ސަރުކާރުން ހިންގަމުންދާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ރަޝިޔާއާ ގުޅޭގޮތުން ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެ ޤައުމުގެ އިދިކޮޅު ސިޔާސީ =ވެރިޔާ އެލްކްސީ ނަވަލްނީއަށް ޒަހަރު ދީފައިވަނީ ރަޝިޔާގެ ސަރުކާރުންކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ.

އެމެރިކާގެ ރިޕޯޓުގައި އިތިއޯޕިއާގެ ޙާލަތަށްވެސްވަނީ އަލިއަޅުވައިލައިފައެވެ. އެގޮތުން އެ ޤައުމުގައި އިންސާނީ ޙައްޤުތަކާ ޚިލާފަށް ޢަމަލުކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު ނާޅައިކަމަށްވަނީ ބުނެފައެވެ. އޭގެ އިތުރުން އެތައް ހާސް ބަޔަކު މަރުވަމުންދާ ޓިގުރައި ސަރަޙައްދުގެ ޙާލަތު ބެލުމަށް އެދެވޭ ފުރުޞަތެއް ނުދޭކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ސަބަބުން އެ ސަރަޙައްދުގައި ހިންގާ އިންސާނީ ޙައްޤުތަކާ ޚިލާފު ޖަރީމާތައް އެންމެ ފުރިހަމައަށް ބެލުމަށް ދަތިވާކަމަށްވެސް އެމެރިކާއިން ފާހަގަކުރިއެވެ.