ލ.އަތޮޅު ކައްދޫ ކައިރިން މޫދަށް ފޭބި ސިފައިންގެ 4 މީހެއްގެތެރެއިން އެކަކު ގެއްލިގެން ހޯދަންފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)އިން ވިދާޅުވީ ގެއްލިގެން އުޅެނީ ލާންސްކޯޕްރަލް ޙުސައިން ފާރިޝްކަމަށެވެ. އޭނާ ގެއްލުނީ ލ.ކައްދޫގެ އިރުމަތީ ފަރާތު މޫދަށް، އިތުރު 3 ސިފައިންގެ މީހުންނާއެކު ފޭބިފަހުންނެވެ. އެމީހުން މޫދަށް ދިޔައީ ޑީއުޓީ އޮފް ވަގުތެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ޙުސައިން ފާރިޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގަޑް ޑައިވަރުން ކުރަމުން އަންނަކަމަށް އެފަރާތުން މަޢުލޫމާތުދެއްވައެވެ.
މޫދަށް ފޭބި 4 ސިފައިންގެ މީހުންގެ ތެރެއިން އިތުރު މީހަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާ، އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާންފެށުމުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ގެނބުނުމީހާގެ ޙާލު އަންނަނީ ރަނގަޅުވަމުންކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.