ޚަބަރު

ޗައިނާއިން ހަދިޔާކުރި ވެކްސިން ފަލަސްޠީނަށް ގެންގޮސްފި


ޗައިނާއިން ހަދިޔާކޮށްފައިވާ ކޯވިޑް-19 ވެކްސިން ފަލަސްޠީނަށް ގެންގޮސްފިއެވެ. ޗައިނާގެ ފަރާތުން ފަލަސްޠީނަށް ހަދިޔާ ކުރި ވެކްސިންގެ 100،000 ޑޯޒް ބޭނުންކުރާނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށާއި ދާޢިމީ ބަލިތަކަށް ފަރުވާހޯދަމުންދާ މީހުންނަށް ވެކްސިން ދިނުމަށެވެ.

އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި 5.2 މިލިއަން މީހުން ދިރިއުޅެއެވެ. ކޯވިޑް-19ން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ފަލަސްޠީނުގައި ވެކްސިން ދެނީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އެކަންޏެވެ.

ފަލަސްޠީނުގައި މިހާތަނަށް 227،808 މީހުންނަށް ކޯވިޑް-19 ޖެހި 2،511 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި މިހާތަނަށް 69،000އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ ދީފައެވެ. އަދި 7،600 މީހުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެ ޤައުމުގައި ބޭނުންކުރަނީ އިސްރާއީލާއި ރަޝިޔާއާއި ޔޫއޭއީގެ އިތުރުން ކޯވެކްސް މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ވެކްސިންތަކެވެ. އެ ޤައުމުގެ އާބާދީގެ 20 އިންސައްތައަށް ދިނުމަށް ހަމަޖެހިފައިވަނީ ކޯވެކްސުން ފޯރުކޮށްދޭ ވެކްސިނެވެ.