ޚަބަރު

ކިމް ޖޮން އުންއާ ބައްދަލުކުރައްވަން ބައިޑަން ގަސްތެއްނުކުރައްވާ


އެމެރިކާގެ ރައީސް ޖޯ ބައިޑަން އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮން އުންއާ ބައްދަލުކުރައްވަން ގަސްތުނުކުރައްވާކަމަށް އެމެރިކާގެ ރިޔާސީ އިދާރާ ވައިޓު ހައުސުން ބުނެފިއެވެ.

އެމެރިކާއިން އުތުރު ކޮރެޔާއާމެދު ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ދަށުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕާ އެއްގޮތަށް އުތުރު ކޮރެޔާގެ ޒައީމާ ބައްދަލުކުރައްވާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވައިޓު ހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ ވިދާޅުވީ އުތުރު ކޮރެޔާއާ ގުޅޭގޮތުން ބައިޑަން ގެންގުޅުއްވާ ސިޔާސަތުތައް ތަފާތުވާނެކަމަށެވެ. އަދި ކިމް ޖޮން އުންއާ ބައްދަލުކުރައްވަން ބައިޑަން ގަސްތުކުރާކަމަށް ޤަބޫލެއް ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ ކުރު ރާސްތާގެ އައު ވައްތަރެއްގެ މިސައިލެއް ތަހުލީލުކޮށްފައެވެ. އެއާއެކު އެމެރިކާއިންވަނީ އދގެ ސަލާމަތީ މަޖިލީހުގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމާގުޅޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އުތުރު ކޮރެޔާގެ ޢަމަލުތައް ކުށްވެރިކޮށްފައެވެ. އޭގެ ފަހުން ބައިޑަންވަނީ އުތުރު ކޮރެޔާޔާއެކު ގުޅުން ބޭއްވުމަށް އެމެރިކާއިން އެދޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް އުތުރު ކޮރެޔާގެ ޢަމަލުތައް ނުހުއްޓާނަމަ ފިޔަވަޅު އަޅަންޖެހިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބައިޑަންގެ ވާހަކަތަކަށް ރައްދުދެމުން އުތުރު ކޮރެޔާއިން ބުނީ އެމެރިކާގެ ސަރުކާރުން އަޅާފައިވާ ފުރަތަމަ ފިޔަވަޅަކީ ގޯސް ފިޔަވަޅެއްކަމަށާއި އޭގެ ސަބަބުން އުތުރު ކޮރެޔާއާމެދު އެމެރިކާއިން ބާއްވާ ރުޅިވެރިކަން ހާމަވާކަމަށެވެ.