ޚަބަރު

މާތްވެގެންވާ ދެ މިސްކިތުގައި މި އަހަރު ރޯދަ ވީއްލަން ސުފުރާ ނުހަދާނެ


ކުރިއަށް އޮތް ރަމަޟާން މަހު މުސްލިމުންގެ އެންމެ މާތް ދެ މިސްކިތްކަމަށްވާ މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީގައި ރޯދަ ވިއްލުމަށް ސުފުރާ ނުހަދާނެކަމަށާއި އިޢުތިކާފުގައި ނުތިބެވޭނެކަމަށް އެ ޤައުމުން ނިންމައިފިއެވެ.

ދެ މިސްކިތުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާ އިދާރާގެ އިސްވެރިޔާ ޝައިޚު ޢަބްދުލް ރަޙުމާން އަލްސުދައިސް ވިދާޅުވީ ރޯދާ ވީއްލާ ސުފުރާ ނުބޭއްވި ނަމަވެސް މަސްޖިދުލް ޙަރާމަށް ޒިޔާރަތްކުރާ މީހުން ރޯދަ ވީއްލުމަށް ބަންދުކޮށްފައި ހުންނަ ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ. މި އަހަރުގެ ރަމަޟާން މަހު މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައި ހާރުދަމުގައި ކާބޯތަކެތި ބެހުން މަނާވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ނިންމުމުގެ ބޭނުމަކީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުންކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިޚު ސުދައިސް ވިދާޅުވީ ރަމަޟާން މަހު އަޅުކަންކުރާ މީހުންނާއި ޢުމްރާވެރިންނަށް މިސްކިތް ހުޅުވައި ޚިދުމަތް ދިނުމަށް އެ އިދާރާއިން ފުރިހަމައަށް ތައްޔާރަށް އޮތްކަމަށެވެ. ގެފުޅު ވަށައިގެން އޮންނަ މަޠާފު ސަރަޙައްދު ޚާއްޞަ ކޮށްފައި އޮންނާނީ ހަމައެކަނި އުމްރާވެރިންނަށެވެ. އަދި ނަމާދު ކުރުމަށް ފަސް ސަރަޙައްދެއް ޚާއްޞަ ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބޭނުންކުރުމަށް ވަކި ސަރަޙައްދެއް ކަނޑައަޅާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.