ޚަބަރު

މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތް ރަސްމީކޮށް ހުޅުވައިފި


މާލެ ސިޓީ ވެސްޓު ޕާކު ހިމެނޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުއްވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުންނާއި މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ މުޖުތަމައެއްގެ ތެރޭގައި ހަމަޖެހުމާއި މަސްލަހަތު ގާއިމުކޮށް، ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެބައެއްގެ މެދުގައި އުފެދިފައި އޮންނަ މުއައްސަސާއަކީ އަބަދުވެސް އެންމެ ޝަރަފުވެރި، ގަދަރާއި އިހުތިރާމް ލިބިގެންވާ މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި އެޒިންމާ ފުލުހުން އަދާކުރަމުންދާތާ 88 އަހަރު ވެގެންދާއިރު، މި ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އައިސް، މިއަހަރު މި ބައްދަލުކުރީ އުފާވެރި މުނާސަބަތުތަކާއެކުކަމަށް ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ހިދުމަތުގެ ގާނޫނު އަލަށް ވުޖޫދުކުރެވި އަމަލުކުރެވިގެންދިއުމަކީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއްކަމަށާއި ފުލުހުންގެ މަސައްކަތަށް މަގުދައްކައިދޭ ފުލުހުންގެ ދުރު، ދިގު ރާސްތާއަށް އަލިކޮށްދޭ ބައްތިއެއްކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ހުރިހާ ފުލުހުންނަކީ ފުލުހުންގެ އައު ގާނޫނަށް އަހުލުވެރި، ގާނޫނުގައި ބުނާ ކަންކަން ރަނގަޅަށް ފުރިހަމައަށް އެނގޭބަޔަކަށްވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި އައު ގާނޫނުގެ ދަށުން ގިނަ ގަވާއިދުތަކެއް ހެދިގެންދާނެކަމަށާ މިއީ ފުލުހުންގެ ހިދުމަތް ފުރިހަމައަށް ބައްޓަންކޮށްދީ ސަފުތައް ތަރުތީބުކޮށްދީ މަސައްކަތުގެ ރާސްތާ ކަނޑައަޅައި ދޭނެ މަސައްކަތަކަށް ވެގެން ދާނެކަމަށް އިމްރާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އައު ގާނޫނުގެ ދަށުން ފުލުހުންގެ އިޖުތިމާއީ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކުރައްވައި، ރައްޔިތަކަށް ދަތިވާ، އުނދަގުވާ އަދި ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުން އެކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރި އޮޅާލައި ތައްޔާރަށް ތިބެންޖެހޭ ކަމެއްކަމަށް ނަވީން ވިދާޅުވިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަން ކުރިން ހިންގަމުންއައީ ފަންހިޔާ ބިލްޑިންގގައެވެ. މާފަންނު ޕޮލިސް އައު އިމާރާތަކަށް ބަދަލުވެގެންދިއުމާއެކު އެ ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މެރިން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަތަކެއް ވެގެންދާނެއެވެ.