ކުޅިވަރު

އިންގްލަންޑްގެ ކްރިކެޓް ކުޅުންތެރިޔާ އާރޗަރގެ އަތުގެ އޮޕަރޭޝަނެއް ކޮށްފި


އިންގްލަންޑް ކްރިކެޓް ޓީމްގެ ބާރު އުކުން ތެރިޔާ ޖޮފްރާ އާރޗަރގެ އަތަށް ލިބިފައިވި އަނިޔާއަކާއި ގުޅިގެން އޮޕަރޭޝަނެއް ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އާރޗަރގެ އަތަށް އަނިޔާވީ ޖެނުއަރީމަހު އޭނާގޭގައި މަސް ޓޭންކެއް ސާފުކުރަން އުޅުމުގެ ތެރޭގައެވެ.

އިންގްލަންޑް ކްރިކެޓް ޓީމްގެ ޑިރެކްޓަރ އޭޝްލީ ގިލްސް ބުނީ އާރޗަރގެ އަތަށް އަނިޔާވީ މަސް ޓޭންކް ސާފުކުރަން އުޅުމުގެ ތެރޭ އެޓޭންކް ވެއްޓި އަތް ކަފައިގެން ގޮސްގެންކަމަށެވެ. އިންގްލަންޑް ޓީމު އިންޑިއާއަށް ކުރި ދަތުރުގައި ކުރިއަށް ގެންދިޔަ ޓެސްޓް އަދި ޓީ ޓުވެންޓީ ސީރީޒްގައި އާރޗަރ ކުޅެފައިވަނީ މިއަނިޔާއާއެކުއެވެ. ނަމަވެސް ފަހުން އަނިޔާ އިތުރަށް ގޯސްވުމާއި ގުޅިގެން އިންޑިއާއާއި އެކު ކުޅުނު އެއްދުވަހުގެ ސީރީޒްގައި ބައިވެރިވެފައިނުވެއެވެ. ގިލްސް ބުނީ އާރޗަރގެ އޮޕަރޭޝަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ޑޮކްޓާރުންނަށްވަނީ އޭނާގެ މަސްގަނޑުގެ ތެރެއިން ކުރިން ނުނެނގި އޮތް ބިއްލޫރިކޮޅެއް ނަގާފައެވެ. މިއޮޕަރޭޝަންގެ ސަބަބުން އާރޗަރއަށް އިންޑިއަން ޕްރިމިއަރ ލީގުގެ ފެށުން ގެއްލޭނެއެވެ.

އިންގްލަންޑްއިން ވަނީ މިއަހަރު އެޓީމުން ކުޅޭ ހުރިހާ ފޯމެޓެއްގެ މެޗްތަކުގައި އާރޗަރ ބައިވެރިކުރަން ނިންމާފައެވެ. މީގެތެރޭގައި އިންޑިއާ އާއި އެކު އިންގްލަންޑްގައި ކުޅޭ ޓެސްޓް ފަސް މެޗާއި ޓީ ޓުވެންޓީ ވާރލްޑް ކަޕާއި އޮސްޓްރޭލިއާގައި ކުޅޭ އޭޝަސް މުބާރާތް ހިމެނެއެވެ.