ވިޔަފާރި

ތަރުކާރީއާއި މޭވާފަދަ ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓްކުރަނީ


ތަރުކާރީއާއި މޭވާފަދަ ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓްކުރުމުގެ ބުރެއް އިކޮނޮމިކް މިނިސްޓްރީން ފަށްޓަވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި އިންސްޕެކްޝަނަކީ ތަރުކާރީ، މޭވާފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކާ މާރުކޭޓްފަދަ ތަންތަން ހިންގަމުން ދަނީ ޤަވާއިދުގައި އެފަދަ ތަންތަން ހިންގުމަށް ކަނޑައަޅާ ބަޔާންކޮށްފައިވާ ޝަތުރުތަކާއި އެއްގޮތަށްތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަނެއް ކަމަށެވެ. އެގޮތުން މި އިންސްޕެކްޝަންގެ ދަށުން ގަވާއިދުގެ ދަށުން މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީން، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ކެފެޓީރިއާފަދަ ތަންތަން ފިޔަވައި ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ތަންތަން އިންސްޕެކްޓް ކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ކުރާ މާރުކޭޓްތަކުގައި ޝަރުތުތަކެއް ފުރިހަމަވާންޖެހޭކަމަށެވެ.

މިފަދަ ވިޔަފާރިކުރާ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި،

*ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ނަން ބޭރަށް ފެންނާނެހެން އިމާރާތުގައި ހަރުކޮށްފައި ހުރުން.
*ވިޔަފާރިކުރާ ތަނަށް ވަކިން ވަދެވޭނެ ދޮރެއް ނުވަތަ މުދާ ދޫކުރެވޭނެ ކައުންޓަރެއް ބަންދުކުރެވޭނެ ގޮތަށް ހަދައިފައިހުރުން
*ވިޔަފާރިކުރާ ތަނުގައި އެއަރ ކޮންޑިޝަން ހަރުކޮށްފައި ހުރުން، ނުވަތަ ވައި ދައުރުވާނެ ގޮތަކަށް ވެންޓިލޭޓްކޮށްފައިހުރުން.
*އެކި ބާވަތްތަކުގެ މުދާ ވަކިވަކިން ތަރުތީބު ކުރެވޭނެ ގޮތަށް ޖާގަ ހަދައިފައި ހުރުން
*މުދަލުގެ އަގު އެނގޭނެ ގޮތަށް މުދާ ތަރުތީބުކޮށްފައި ހުރުން
*މީހުން ވަދެ ވިޔަފާރި ކުރެވޭގޮތަށް ހުރި ތަނެއް ނަމަ ޓައިލްސް ޖަހާފައި ނުވަތަ ތަޅުން އަޅައިފައި ހުރުން
*ވިޔަފާރިކުރާ ތަނަށް ވަންނަ ކަސްޓަމަރުން މަގުމަތީގައި ތިބެގެން ވިޔަފާރި ކުރެވޭގޮތަށް ފަރުމާކޮށްފައި ހުރި ތަނަކަށްނުވުން
*މެހިފަދަ ތަކެއްޗަށް ނުވަދެވޭގޮތަށް ތަން ފަރުމާކޮށްފައިހުރުން
*ވިޔަފާރިކުރާ ތަނުގެ ބޭރުގައި ނުވަތަ ދުވާރު މަތީގައި މުދާ ބަހައްޓައިގައި ނެތުން
*ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަތް ދޮވެ ސާފުކުރެވޭ ގޮތަށް ހުރުން

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި އިންސްޕެކްޝަންގެ ތެރެއިން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީން މަސައްކަތް ކުރަމުންދަނީ، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯވެސް ބަލަމުންދާނެކަމަށެވެ.

ތަރުކާރީއާއި މޭވާފަދަ ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓްކުރުމުގެ ބުރެއް އިކޮނޮމިކް މިނިސްޓްރީން ފަށްޓަވާފައިވާއިރު، އެ މިނިސްޓްރީން ދަނީ ވިޔަފާރީކުރާ އެހެން ތަންތަންވެސް އިންސްޕެކްޓްކުރަމުންނެވެ. އަދި ޤަވާއިދާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިތުރުން، ބަންދުކުރަންޖެހޭ ތަންތަން މިނިސްޓްރީން ދަނީ ބަންދުވެސް ކުރަމުންނެވެ.