ޚަބަރު

ޕާކިސްތާނުގެ ރައީސާއި ދިފާޢީ ވަޒީރަށްވެސް ކޯވިޑް-19 ޖެހިއްޖެ


ޕާކިސްތާނުގެ ރައީސް ޑރ. ޢާރިފު ޢަލްވީއާއި އެ ޤައުމުގެ ދިފާޢީ ވަޒީރު ޕަރުވޭޒު ޚައްތަކަށް ކޯވިޑް-19 ޖެހިއްޖެއެވެ. ޕާކިސްތާނުގެ ރައީސަށް ކޯވިޑް-19 ޖެހިފައިވަނީ މީގެ 10 ވަރަކަށް ދުވަސްކުރިން އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާނަށްވެސް ކޯވިޑް-19 ޖެހި އަމިއްލައަށް އެކަހެރިވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. މިއީ ޤައުމެއްގެ ރައީސަކާއި ބޮޑުވަޒީރަކަށް އެއް ދުވަސްވަރެއްގައި ކޯވިޑް-19 ޖެހުނު ފުރަތަމަ ފަހެރެވެ.

ޕާކިސްތާނުގެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19ގެ ވެކްސިނުގެ ފުރަތަމަ ޑޯޒު އޭނާ ޖެއްސެވިކަމަށާއި މިއީ ދެވަނަ ޑޯޒު ޖައްސަވަން އޮތް ހަފުތާކަމަށެވެ. އޭނާވަނީ ކޯވިޑް-19 ޖެހިފައިވާ އެންމެންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވައި އެންމެންވެސް ބަލިން ސަލާމަތްވުމަށް މަސައްކަތްކުރުމުގައި ފަރުވާ ބެހެއްޓުމަށް އިލްތިމާޞްކުރައްވައިފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރަށްވެސް ކޯވިޑް-19 ޖެހިފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނިކޮށެވެ.

ދުނިޔޭގެ ގިނަ ޢަދަދެއްގެ އިސްވެރިންނަށް މީގެ ކުރިންވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންއާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންއާއި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕު ހިމެނިވަޑައިގަންނަވައެވެ.