މި މަހުގެ 23ވަނަ ދުވަހުން ފެށިގެން މިޞްރުގެ ސުއޭޒު ކެނަލުގައި ހުރަސްވެފައި އޮތް އާގުބޯޓު ފުންކޮށް އާންމު ދަތުރުފަތުރަށް އެ ސަރަޙައްދު ހުޅުވައިލައިފިއެވެ.
ސުއޭޒު ކެނަލު ހިންގާ މިޞްރުގެ ދަޢުލަތުގެ ޙިއްޞާ އޮންނަ ސުއޭޒު ކެނަލް އޮތޯރިޓީން ބުނީ ހަފުތާއަކަށްފަހު އާގުބޯޓު ފުންކުރެވިފައިވާކަމަށާއި އާންމު ދަތުރުފަތުރަށް އެ ސަރަޙައްދު ހުޅުވައިލައިފައިވާކަމަށެވެ. އަދި އެ ބޯޓު ގަޑިއަކު ތިން ކިލޯމީޓަރުގެ ބާރުމިނުމުގައި ދަތުރުކުރަމުންދާކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޕަނަމާގައި ދަފުތަރުކޮށްގެން ތައިވާނުގެ ކުންފުންޏަކުން ދުއްވާ އެވަރ ގިވަން ނަމަކަށް ކިޔާ 400 މީޓަރުގެ އާގުބޯޓު ފުންކުރުމަށް 30،000 ކިއުބިކު މީޓަރުގެ ވެލި ކޮނެފައިވާކަމަށް އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނިންވަނީ ބުނެފައެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 224،000 ޓަނުގެ އެވަރ ގިވަން ފުންކުރުމަށް 13 ޓަގު ބޭނުންކުރިކަމަށެވެ. އޭގެ ތެރެއިން 2 ޓަގަކީ އެންމެ ޒަމާނީ އަދި ބާރު ދުވެލީގައި ދުވާ ޓަކުތަކެެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެވަރ ގިވަން ދުއްވާ ކުންފުނިކަމަށްވާ ތައިވާނުގެ އެވަރގުރީން ލައިނުން ބުނީ ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުންދާކަމަށާއި ބޯޓުގައި ހުރި އެއްވެސް މުދަލަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށެވެ. އެ ކުންފުނިން ބުނާގޮތުގައި އެ ބޯޓުގައި 18،000އަށްވުރެ ގިނަ ކޮންޓޭނަރު ހުންނާނެއެވެ.
އެވަރ ގިވަން ހުރަސްވެ ސުއޭޒު ކެނަލް ބަންދުވުމުން އެ ސަރަޙައްދުގައި ކުރިއަށް ނުދެވި 400އެއްހާ ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި މުދާއުފުލާ ބޯޓުތަކާއި ތެލާއި ގޭސް އުފުލާ ބޯޓުތައް ހިމެނެއެވެ. އެ ވުޒާރާއިން ބުނީ އެ ހުރިހާ ބޯޓުތަކެއް ސުއޭޒު ކެނަލް ހުރަސްކުރަން މަދުވެގެން ތިން ދުވަސް ނަގާނެކަމަށާއި ދުވާލަކު 100 ބޯޓަށް ސުއޭޒު ކެނަލް ހުރަސްކުރެވޭނެކަމަށެވެ. މާހިރުން ބުނާގޮތުގައި ސުއޭޒު ކެނަލް ބަންދުވުމުން ދުނިޔޭގެ އެކި ޤައުމުތަކަށް މުދާ ފޯރުކޮށްދިނުމުގައި ދިމާވި ދަތިތައް ފިލަން ތިން ހަފުތާ ނަގާނެއެވެ.
ސުއޭޒު ކެނަލަކީ ދުނިޔޭގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން 15 އިންސައްތަ އުޅަނދުފަހަރު ބޭނުންކުރާ މުހިންމު ސަރަޙައްދެކެވެ. ހަފުތާއަކަށް އެ ސަރަޙައްދު ބަންދުވުމުން ސުއޭޒު ކެނަލް އޮތޯރިޓީއަށް ދުވާލެއްގެ މައްޗަށް 15 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއްވަނީ ލިބިފައެވެ. އަދި ދުނިޔޭގެ ތެލުގެ އަގުވަނީ 1 އިންސައްތަ ދަށަށް ގޮސްފައެވެ.