ޚަބަރު

ލާމަރުކަޒީ ނިޒާމު ހިންގުމާ ގުޅޭ ޚާއްޞަ ކޮންފަރެންސެއް ބާއްވަނީ


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު، އެ ނިޒާމް ހިންގުމަށް ހުރި ދަތިތައް އޮޅުންފިލުވުމަށް ޚާއްޞަ ކޮންފަރެންސްއެއް ބޭއްވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކޮންފަރެންސްއަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި(އާއި ޔޫ.އެސް އެއިޑް ގުޅިގެން 'ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް' ގެ ނަމުގައި ބާއްވާ ކޮންފަރެނެސްއެކެވެ. މި ކޮންފަރެންސް އޮންނާނީ މިމަހުގެ 30 އިން 31 އަށް އޮންލައިންކޮށެވެ.

މިކޮންފަރެންސްގެ މައިގަނޑު މަގްޞަދަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް(ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ޤާނޫނަށް ފަހުން ގެނެވުނު އިސްލާހު ތަންފީޛުކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް ކަމާގުޅޭ އެންމެހާ ފަރާތްތަކާ އެކީ މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސްއެކެވެ.

އެލްޖީއޭއިން ވިދާޅުވީ، މި ކޮންފަރެންސްގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ހައްލުކުރުމަށް ދައުލަތުގެ އެކި މުއައްސަސާތަކުން ލާމަރުކަޒީ ނިޒާމާއި ގުޅުންހުރި ސިޔާސަތުތައް އެއްކީލިކޮށް، އެކުގައި މަސައްކަތްކުރާނެ ގޮތްތަކެއް ފަރުމާކުރުމަށް މަޝްވަރާކުރެވޭނެކަމަށެވެ. އަދި މިކަންކަންކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ދަތިތައް ހައްލުކޮށް، ދައުލަތުގެ އެކި މުއައްސަސާތަކާ ކައުންސިލްތަކާއެކު ބަދަހިކަމާ ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުން ކުރިއަށްދާނެކަމަށްވެސް އެލްޖީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ އެކްޝަން ޕްލޭންގައި ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކޮށް، ފުށޫނާރާނެ ގޮތަށް ސިޔާސަތުތައް ރާވާ ހިންގުމަށް އެހީތެރިވުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެއްކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.

މިކޮންފަރެންސްގައި މިނިސްޓްރީތަކާއި، ކަމާގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސަވާ ކުންފުނިތަކާއި ކައުންސިލްތަކާއި އަދި ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން މަސައްކަތްކުރައްވާ އަމިއްލަ ޖަމިއްޔާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެއެވެ. ކޮންފަރެންސްގައި ޝެސަންތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެލްޖީއޭގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައާއި، މިނިސްޓްރީ އޮފް ފިނޭންސާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި، ފާދިއްޕޮޅު އަތޮޅު ކައުންސިލާއި އަދި ކުޅުދުއްފުށި ކައުންސިލުންނެވެ.

އޮންލައިންކޮށް ބާއްވާ މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ނިންމުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިޞްލާޙުތަކަކީ ކައުންސިލްތަކަށް މާލީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ބާރުތައްދީ، ރަށްރަށުގެ އިޚްތިޞާސް ކަނޑައަޅާ، އެތަންތަނުން ނަފާ ހޯދުމުގެ ބާރު ކައުންސިލްތަކަށް ދިނުމެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފައިސާ ދިނުންވެސް އެންމެ ފަހުން ގެނައި އިޞްލާހުތަކުގައިވެއެވެ.