މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ދެކުނު އިރުމަތީގެ އަވަށްތަކަށް ވައިގެ ޙަމަލާތަކެއް ދިނުމުން ގިނަ ޢަދަދެއްގެ މީހުން އެ ސަރަޙައްދު ދޫކޮށް ހިޖުރަކުރަން ފަށައިފިއެވެ.
މިޔަންމާގެ ކަރެން ސްޓޭޓުގައި ދިރިއުޅޭ ގާގްގަނޑަކަށް 3،000 މީހުން ގެދޮރު ދޫކޮށް އަވަށްޓެރި ތައިލެންޑަށް ހިޖުރަކޮށްފައިވަނީ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ކަރެން ނޭޝަނަލް ޔޫނިއަން ކޭއެންޔޫގެ ބާރުގެ ދަށުގައި އޮންނަ މުތަރައު ޑިސްޓްރިކްޓުގެ ފަސް ސަރަޙައްދަކަށް އަސްކަރިއްޔާއިން ޙަމަލާ ދިނުމުންނެވެ. އެ ޙަމަލާތަކުގައި އެ ޖަމާޢަތަށް ނިސްބަތްވާ ދެ ހަނގުރާމަވެރިންނާއި އާންމުންގެ ތިން މީހުން މަރުވެފައިވާކަމަށް ބުނެއެވެ. އަސްކަރިއްޔާއިން ޙަމަލާ ދިން ތަންތަނުގެ ތެރޭގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަންދޭ ކޭންޕެއްވެސް ހިމެނެއެވެ. އެ ޙަމަލާގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން އަވަށްޓެރި ތައިލެންޑަށް ހިޖުރަކޮށްފައިވާކަމަށާއި އެތައް ބަޔަކު ޖަންގަލިތަކުގައި ފިލާފައިވާކަމަށް ކަރެން ވިމެންސް އޯގަނައިޒޭޝަނުން ބުނެއެވެ.
އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާއެއްކަމަށްވާ ފުރީ ބަރމާ ރޭންޖާސްގެ ބާނީ ޑޭވިޑް ޔޫބެންކް ވިދާޅުވީ ފާއިތުވި 20 އަހަރުގެ ތެރޭގައި މިޔަންމާގެ އަސްކަރިއްޔާއިން އެފަދަ ވައިގެ ޙަމަލާއެއް ދީފައި ނުވާކަމަށެވެ. އެ ޙަމަލާ ދީފައިވަނީ ރޭގަނޑުގެ ވަގުތެއްގައިކަމުން ޗައިނާއާއި ރަޝިޔާގެ އެހީތެރިކަމާއެކު މިޔަންމާގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުވެފައިވާކަން ހާމަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
2015ވަނަ އަހަރުގެ ތެރޭގައި ކޭއެންޔޫއިންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ އިސްވެރިޔާ އަން ސަން ސޫ ކީއާ ދެކޮޅަށް ބަޣާވާތްކޮށް އޭނާ ހައްޔަރުކުރުމުން ކޭއެންޔޫއާއި އަސްކަރިއްޔާއާ ދެމެދު އޮންނަ ނުތަނަވަސްކަންވަނީ އިތުރުވެފައެވެ.