ޚަބަރު

އިންޑިއާއިން ގަނެފައިވާ ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒު ރާއްޖެ ގެނެސްފި


ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާއިން ގަނެފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ އެއްލައްކަ ޑޯޒު ރާއްޖެ ގެނެސްފިއެވެ.

އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ގަނެފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ އެއްލައްކަ ޑޯޒު ގެނެސްފައިވާއިރު، މިއީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުއާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއިއެކު 23 މާޗް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނެވުނު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ބެޗްއެވެ.

މި އެއްބަސްވުމުގެ ދަށުން ކޮވިޝީލްޑް ވެކްސިންގެ ދެ ލައްކަ ޑޯޒް ދިވެހިރާއްޖެއިން ވަނީ ގަނެފައިވެއެވެ. މީގެއިތުރުން މިއަހަރުގެ ޖަނުއަރީ އަދި ފެބްރުއަރީ މަހު އިންޑިއާގެ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ދެ ލައްކަ ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާކޮށްފައެވެ. އަދި ކޮވެކްސް ފެސިލިޓީއިންވެސް ވަނީ ދިވެހިރާއްޖެއަށް ބާރަ ހާސް ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައިވެއެވެ.